މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު (ތިލަމާލެ ބްރިޖު)ގެ ތަނބުތައް ކަނޑަށް ފެއްތުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނާ ގޮތުގައި މާލެ ވިލިމާލެ އަދި ގުޅީފަޅު ގުޅާލާ ބްރިޖުގެ މަޝްރޫއުގެ ތަނބުތައް ކަނޑުގައި ހަރުކުރުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ދެވަނަ ޖެކަޕް ޕްލެޓްފޯމް "މަހާރާޖާ" ވަނީ "މަހާރާނީ" ޖެކަޕް ޕްލެޓްފޯމާއެކު މާލެ އާއި ވިލިނގިލިއާ ދެމެދު މެރިން ޕައިލިންގެ މަސައްކަތް ފަށާފައި ކަމަށް ހައިކޮމިޝަނުން ބުނެ އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާއެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރު އެވެ.

އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގަ އެވެ.

ތިލަފުށްޓާއި ހަމައަށް ބްރިޖް ގުޅާލުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މީގެ އިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ވެސް ހުންނާނެ އެވެ.