މީގެ 11 އަހަރު ކުރިން މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާ މުހައްމަދު 12 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފި އެވެ.
ޖެނުއަރީ، 2010 ގައި ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ މ. އަންގާގިރިގައި ހަދަމުންދިޔަ އިމާރާތުގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވަ އެވެ. ޝީރީން މަރާލުމަށް ފަހު އެތަނަށް އެއްލާލިކަމުގެ ތުހުމަތުގައި އޭނާގެ ލޯބިވެރިޔާ ނަޖާހަށް ދައުވާކުރި މައްސަލާގައި އޭނާ 12 އަހަރަށް ޖަލަށްލާން ހައި ކޯޓުން ހުކުމްކުރީ މިދިޔަ އޮގަސްޓް މަހު އެވެ.
ގުޅުވާލެވޭ ގަރީނާތަކާއި ފޮރެންސިކް ހެކިތަކަށް އެކަނި ބިނާކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މަރެއް ސާބިތުކުރި އެ މައްސަލާގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުން ހިންގާނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ޝަރީއަތް ފަށާނީ މާދަމާ ހެނދުނު އެވެ.
ދައުލަތުން ތުހުމަތު ކުރީ މ. ކުރަހާގޭގައި ޝީރީނާއި ނަޖާހު އެކުގައި އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ޝީރީން މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ފޮށްޓަކަށް ލައިގެން ގޮސް އަންގާގިރިއަށް ނަޖާހު އެއްލާލި ކަމަށެވެ. ދަށު ކޯޓުން ނަޖާހު ސަލާމަތްވެފައި ވަނިކޮށް ހައި ކޯޓުން ހުކުމްކުރީ ގަސްދުގައި ޝީރީން މަރާލިކަން ނަޖާހުގެ މައްޗަށް ސާބިތު ނުވިޔަސް، ގަސްދެއް ނެތި ކުރިކަމަކުން މީހަކު މަރުވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާތީ 12 އަހަރަށް ޖަލަށްލުމަށެވެ. އަދި މަރުގެ ދިޔަ ހޯދަން ދައުވާ ކުރުމުގެ ހައްގު ޝީރީންގެ ވާރިސުންނަށް އޮންނާނެ ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ.
ޝީރީން ގަސްދުގައި މެރިކަން ނަޖާހުގެ މައްޗަށް ސާބިތުނުވި މައިގަނޑު ސަބަބަކީ ޝީރީން މަރުވުމަށް މެދުވެރިވި ސަބަބު ހޯދަން ޕޯސްޓްމޯޓަމެއް ހަދާފައި ނެތުމެވެ. ޝީރީންގެ ހަށިގަނޑު ފެނުނުއިރު ކުނިވެފައި އޮތުމުން އޭނާ މަރުވުމަށް މެދުވެރިވި ސަބަބު ޑޮކްޓަރުންނަކަށް ނޭނގެ އެވެ. ހަށިގަނޑު ވަޅުލީ ޕޯސްޓްމޯޓަމް ހަދަން ޑޮކްޓަރުން ލަފާ ދީފައި އޮއްވާ އެކަން ނުކޮށެވެ.