ގާތްގަނޑަކަށް 50 އަހަރު ފަހުން ރަޝިޔާ އިން ހަނަދަށް ކުރާ ފުރަތަމަ ދަތުރުގައި ފޮނުވާލި އުޅަނދު، ލޫނާ 25 ގައި މައްސަލައެއް ފާހަގަވެއްޖެ ކަމުގައި އެ ގައުމުން ބުނެފި އެވެ.

ހަނދުގެ ސާފޭސް އަށް "ސޮފްޓް ލޭންޑިން" އެއް ހެދުމުގެ މަގުސަދުގައި ލޫނާ 25 ނައްޓާލީ މިދިޔަ މަހު ފަހުކޮޅު އެވެ.

ހަނދުގެ ދެކުނު ބިތަށް ތިރި ކުރުމަށް އަމާޒު ހިފައިފައިވާ އުޅަނދު ހަމަޖެހިފައި އޮތީ މިއަދުގެ ވަގުތެއްގައި ތިރިކުރުމަށެވެ. އެހެންނަމަވެސް ތިރިކުރުމުގެ ކުރިން ހަނދުގެ އޯބިޓުގައި އުޅަނދުގެ މައްސަލައެއް ވަނީ ފާހަގަވެފަ އެވެ.

ރަޝިޔާގެ ސްޕޭސް އޭޖެންސީ ރޮސްކޮސްމޮސް އިން ބުނި ގޮތުގައި އެ އިދާރާގެ ސައިންޓިސްޓުން އަންނަނީ މައްސަލަ ދިރާސާ ކުރަމުންނެވެ. އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.

ލޫނާ 25 އަށް މައްސަލަ ދިމާވި އިރު އެ އުޅަނދުގެ ޑޭޓާ ކަލެކްޓިން އާލާތްތަކުގެ ސްވިޗް އޮންކުރިތާ ހަފުތާއެއް ވެއްޖެ އެވެ. އެ އުޅަނދުން ވަނީ ހަނދުގެ ދެކުނު ބިތުގެ އެންމެ ފުން ހިސާބު ކަމުގައި ބެލެވޭ ހިސާބުގެ ފޮޓޯތައް ފޮނުވައިފަ އެވެ.

ލޫނާ 25ން ފޮނުވި ހަނދުގެ ފޮޓޯ

ރަޝިޔާ އިން އުންމީދުކުރާ ގޮތުގައި ލޫނާ 25 ހަނަދަށް ތިރިކުރުމުގެ ކަންތައް ރަނގަޅަށް ހިނގައްޖެ ނަމަ އެ އުޅަނދު ހަނދުގެ ދިރާސާ ކުރުމަށް އެއް އަހަރު ދުވަސް ހޭދަ ކުރާނެ އެވެ. ބޭނުމަކީ ހަނދުގައި އިންސާނުންނަށް ބޭނުން ކުރެވޭ ފަދަ ދާއިމީ މަރުކަޒެއް ހެދުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމެވެ.

ހޯމަ ދުވަހު ހަނަދަށް ޖައްސަން އަމާޒު ހިފައިފައިވާ ރަޝިޔާގެ އުޅަނދަށް މައްސަލައެއް ދިމާވެފައިވާ އިރު އިންޑިއާގެ އުޅަނދު ޗަންދްރިޔާން 3 އަންނަ ބުދަ ދުވަހު ހަނދަށް ތިރިކުރުމަށް ވަނީ އަމާޒު ހިފައިފަ އެވެ. އިންޑިއާ އިން މީގެ ކުރިން ހަނދުގެ އެ ހިސާބަށް ތިރިކުރަން އުޅުނު އުޅަނދު ވަނީ ތިރިކުރުމުގެ ތެރޭގައި ގޮވައިފަ އެވެ.