ޝާހްރުކް ޚާން އާއި ގޯރީ ހާން އަކީ ލޯބީގެ ލާމަސީލު ނަމޫނާއެކެވެ.

ޝާހްރުކް އަކީ މުސްލިމެކެވެ. ގޯރީ އަކީ ހިންދޫ ދީނަށް އަޅުކަން ކުރާ މީހެކެވެ. އެއާއެކު ވެސް މި ޖޯޑު ފެންނަނީ ވަރަށް ބަދަހިކޮށެވެ.

ކައިވެންޏަށް ފަހު ޝާހުރުކް ގޯރީ ކައިރީ ބުރުގާ އަޅަން ބުނެ އަދި ނަން "އައިޝާ" އަށް ބަދަލުކުރަން ބުނި ވާހަކައެއް ފެންމަތިވި އެވެ.

މީގެ ހަގީގަތް ޝާހު މިވަނީ އިންޓަވިއުއެއްގައި ކިޔައިދީފަ އެވެ.

"އަހަރެން ގޯރީގެ އާއިލާއަށް ވަރަށް އިހުތިރާމު ކުރަން. އެ މީހުންނަކީ ވަރަށް ކުރީގެ ހިޔާލު ގެންގުޅޭ ބައެއް. ކައިވެނި ކުރާ ތަނަށް އަހަރެން އައި އިރުއެންމެން ވެސް ކިޔަނީ 'މުސްލިމް ކުއްޖެކޭ އެއީ. ގޯރީ އިސްލާމް ދީނަށް ވައްދާ ނަން ވެސް ބަދަލުނުކުރާނެހޭ' މިފަދަ ވާހަކަތައް،" ޝާހު ކިޔައިދިނެވެ.

"މަޖަލަކަށް އެމީހުން ބިރުގަންނަވަން ވެގެން އަހަރެން ބުނިން ގޯރީ ކައިރީ އަވަހަށް ބުރުގާ އަޅައިގެން ނަމާދުކުރަން ހިނގާށޭ. އަދި މީގެ ފަހުން ގޯރީގެ ނަމަކީ އައިޝާ ކަމާ ގެއިން ބޭރަށް ދިއުމުގެ ހުއްދައެއް ވެސް ނޯންނާނެ ކަމަށް. އެންމެން ހީކުރީ ހަމަ އަސްލަށް ވެސް އަހަރެން ގޯރީ އިސްލާމްދީނަށް ވެއްދީ ކަމަށް،" ޝާހުރުކް ކިޔައިދިނެވެ.

ގޯރީ ބުނެފައިވާ ގޮތުގައި އިސްލާމްދީން ގަބޫލުނުކުރިޔަސް އެ ދީނަށް އިހުތިރާމް ކުރާ ކަމަށެވެ.