ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކާމިޔާބު ކޮމެޑީ ސީރީޒް " ދަ ބިގް ބޭންގް ތިއަރީ"ގެ މުޅިން އާ ސްޕިން އޮފް ސީރީޒްއެއް އިއުލާން ކޮށްފި އެވެ.

އެޗްބީއޯ މެކްސްގެ ސްޓްރީމިން ސާވިސް އިން އުފައްދާ މި ސްޕިން އޮފް ސީރީޒް ވާނީ ބިގް ބޭންގް ތިއަރީއިން ފެނިގެންދިޔަ ކޮންމެވެސް ކެރެކްޓަރެއްގެ އަމިއްލަ ހަޔާތާ ގުޅުވައިގެން އުފައްދާ ސީރީޒް އަކަށެވެ.

އެހެން ނަމަވެސް އެ ކެރެކްޓަރަކީ ކޮން ކެރެކްޓަރެއް ކަމެއް އަދި ޕްރޮޑިއުސަރުން ހާމަކޮށްފައެއް ނުވެ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި ސްޕިން އޮފް ބިނާވާނީ "ހަވާޑް" ނުވަތަ "ރާޖޭޝް"ގެ ހަޔާތުގެ މައްޗަށެވެ.

މީގެ ކުރިން ވެސް ބިގް ބޭންގް ތިއަރީގެ ސްޕިން އޮފް ސީރީޒްއެއް އުފައްދާފައިވެ އެވެ. "ޔަންގް ޝެލްޑަން"ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ސީރީޒްއަކީ ބިގް ބޭންގް ތިއަރީގެ މައިގަނޑު އެއް ކެރެކްޓަރު "ޝެލްޑަން"ގެ ޅަފަތުގެ ހަޔާތަށް ބިނާކޮށް އުފައްދާފައިވާ ސީރީޒް އެކެވެ. އެ ސީރީޒަށް ވެސް ގިނަ ބައެއްގެ ތައުރީފް ލިބިފައިވެ އެވެ.

އަލަށް އިއުލާން ކޮށްފައިވާ ސްޕިން އޮފް ސީރީޒް އަދި އުޅެނީ އޭގެ އެންމެ ފުރަތަމަ މަރުހަލާގައި ކަމަށާއި އެހެން ކަމުން ބެލުންތެރިންނާ ހަމައަށް އެ ސީރީޒް އަންނާނެ ކަމަށް ބެލެވެނީ 2025 ނުވަތަ 2026ގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

2012 ވަނަ އަހަރު ދައްކަން ފެށި ބިގް ބޭންގް ތިއަރީއަކީ ހަތް އެކުވެރިންގެ ހަޔާތުގެ މައްޗަށް އުފެއްދި ސީރީޒް އެކެވެ. ކާމިޔާބު 10 ސީޒަނަށްފަހު ބިގް ބޭންގް ތިއަރީ ނިންމާލައިފައިވަނީ 2022ގަ އެވެ.