އެމްޑަބްލިޔުއެސްސީ އިން ބ. މާޅޮހުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ފަށައިފި އެވެ.

މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

މިރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.

މިމަޝްރޫއުގެ ދަށުން، މާޅޮހުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށް ތާނގީ ބަހައްޓައި، ބޯހޯލް ތޮރުފުމާއި ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވެސް އަޅާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ

މާޅޮހުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމަށް 60.45 މިލިއަން ދިވެހި ހަރަދުކޮށްފައިވެ އެވެ.