ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ގެންދިއުމަށް އުނދަގޫވާ ހިސާބަށް ކަންކަން ދިއުމުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ނަން އިއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، މެންބަރު ޝަރީފްގެ ނަން އިއްވެވީ އޭނާ މަޖިލީހުގައި އަޑުގަދަކުރައްވަން ފެއްޓެވުމުންނެވެ.

ނަން އިއްވެވުމުންވެސް އިބްރާހިމް ޝަރީފު މަޖިލީހުގެ ތަޅުމުން ނުނިކުންނެވުމުން ރިޔާސަތުން ވަނީ ތަޅުމުން ނުކުންނެވުމަށް އަންގަވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް ޝަރީފް ހިމެނޭހެން އެމްޑީޕީގެ އިތުރު ދެ މެންބަރެއްގެ ނަން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އިއްވެވުމުން އެ މެންބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިނުގެންނެވި އެވެ. ތަކުރާރުކޮށް އެންގުމުން ވެސް މެންބަރުން ތަޅުން ދޫކޮށް ދާން ދެކޮޅު ހެއްދެވުމުން އެންމެ ފަހުން އިއްޔެގެ ޖަލްސާ ކުރިއަށް ނުގެންގޮސް މެދުކަނޑާލީ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ އެވެ.