އަކްޝޭ ކުމާރުއާއި ރަވީނާ ޓަންޑަންގެ ލޯބީގެ ވާހަކައަކީ 1990ގެ އަހަރުތަކުގައި ބޮލީވުޑްގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި އެއް ހަބަރެވެ.

ހިތި ގޮތަކަށް އެ ދެމީހުންގެ ލޯބީގެ ގުޅުން ނިމުނު ނަމަވެސް މިއަދާ ހަމައަށް ވެސް އެ ދެމީހުންނަކީ ގާތް ދެ އެކުވެރިން ކަމުގައި ބުނެވެ އެވެ.

އަކްޝޭއާއި ރަވީނާގެ ގުޅުމުގެ ސަބަބުން އެ ދުވަސްވަރު އެ ދެމީހުންނަށް އެކުގައި ގިނަ ފިލްމުތަކެއް ކުޅުމުގެ ފުރުސަތު ވެސް ލިބުނެވެ. އެހެން ނަމަވެސް ލޯބީގެ ގުޅުން ނިމުނު ފަހުން އެ ދެމީހުން އެކުގައި ފެނިފައެއް ނުވެ އެވެ.

ރަވީނާއާއި އަކްޝޭގެ ޖޯޑަށް ލޯބިކުރި ފަރާތްތަކަށް އޮތް އުފާވެރި ހަބަރަކީ ގާތްގަނޑަކަށް 20 އަހަރަށްފަހު އެ ދެމީހުން އެކުގައި ފެނުމުގެ ފުރުސަތު ހުޅުވިފައި އޮތް ކަމެވެ.

އެގޮތުން އަކްޝޭގެ ކުރިއަށް އޮތް ފިލްމު "ވެލްކަމް 3"ގެ ރޯލެއް ރަވީނާއަށް ހުށައެޅިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.

އެ ފުރުސަތު ރަވީނާ ގަބޫލު ކޮށްފިނަމަ އޭނާއާއި އަކްޝޭ އެކުގައި ބޮޑު ސްކްރީނުން ފެންނާނީ ދިގު 19 އަހަރަށްފަހު އެވެ. ވެލްކަމް 3 ގައި އަކްޝޭގެ އިތުރުން ސުނިލް ޝެޓީ، ޖެކޮލީން ފެރްނާންޑޭޒް، ސަންޖޭ ދަތު އަދި އަރްޝަދު ވާރްސީ ފެންނާނެ ކަމަށް ބުނެވެ އެވެ.

ރަަވީނާއާއި އަކްޝޭ އެކުގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު 1994 ވަނަ އަހަރު ނުކުތް މޮހްރާ ފާހަގަ ކުރެވެ އެވެ. އެ ފިލްމުގެ ލަވަ "ޓިޕް ޓިޕް ބަރްސާ ޕާނީ"އަކީ މިއަދު ވެސް ބެލުންތެރިންގެ މެދުގައި މަގްބޫލު ލަވަ އެކެވެ.

މި ދެމީހުންގެ ގުޅުން ނިމުމަށްފަހު ރަވީނާ ވިޔަފާރިވެރިޔާ އަނިލް ތަދާނީއާ ކައިވެނި ކުރިއިރު އަކްޝޭ އުޅެނީ ފިލްމީ ތަރި ޓްވިންކަލް ޚަންނާއާ ކައިވެނި ކޮށްގެންނެވެ.