ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބްކުރައްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ސޯލިހު ގައުމާ މުހާތަބްކުރައްވާނީ މިއަދު މެންދުރުފަހު 2:00 ޖަހާއިރު ކަމަށެވެ.

މަބްރޫކް ވިދާޅުވީ ގައުމާއި މުހާތަބްކުރައްވާ ރައީސް ދައްކަވާ ވާހަކަފުޅުގައި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ގައުމާ މުހާތަބްކުރައްވާއިރު، އިންޑިއާއިން ރާއްޖެއަށް ހަދިޔާ ވެކްސިން ހިފައިގެން އަންނަ އިންޑިއަން އެއާލައިންސްގެ ބޯޓު 2:00 ހާއިރު ރާއްޖެއަށް އަންނާނެ އެވެ. ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ގައި "ކޮވިޝީލްޑް"ގެ 100،000 ޑޯޒް މިއަދު ރާއްޖެ ގެންނަން ވަނީ ހަމަޖެހިފަ އެވެ.