ސަރަހައްދީ ގައުމުތަކުގެ ތެރެއިން، ސްޓާލިންކް އިންޓަނެޓް ޚިދުމަތުގެ ލައިސަންސް ދިން ފުރަތަމަ ގައުމުކަށް ރާއްޖެ ވެެއްޖެ އެވެ.

މިއީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރި ހަތަރު ވަނަ ކުންފުންޏެވެ. ސްޓާލިންކްއަކީ ޓެސްލާ އާއި ޓްވިޓާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު، އިލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ ޚިދުމަތެކެވެ.

ސްޓާލިންކް އިންޓަނެޓްގެ ޚިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ލައިސަންސް ދޫކޮށްފައިވަނީ ސްޓާލިންކް ސާވިސަސް މޯލްޑިވްސް އަށެވެ. ސްޓާލިންކް ސާވިސަސް މޯލްޑިވްސްއަކީ ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ޚިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލައިސަންސުގެ ލިޔުން ސްޓާލިންކްއާ ހަވާލުކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. ސްޓާލިންކްގެ ފަރާތުން ލައިސަންސްއާ ހަވާލުވެވަޑައިގަތީ ސްޕޭސްއެކްސްގެ ސީނިއަރ ޑިރެކްޓަރު ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން ރަޔަން ގުޑްނައިޓްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މިއީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ފުޅާކޮށް ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.

ސްޕޭސްއެކްސް އިންޓަނެޓް ޚިދުމަތާއެކު، ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެއަށް އަނެއްކާވެސް ހާސިލްވީ އިތުރު ކުރިއެރުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސައުތު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސްޕޭސްއެކްސް ލައިސަންސް ދިން ޤައުމަކަށް މިވީ ރާއްޖެ. 2019 ވަނަ އަހަރު 5ޖީ، 2017 ވަނަ އަހަރު 4 ޖީ މި ސަރަޙައްދުން އެންމެ ފުރަތަމަ ހޯދި ޤައުމަކީވެސް ރާއްޖެ. އެހެންވީމަ ޓެކްނޮލޮޖީގެ ރާއްޖެއިން ބޮޑެތި ކުރިއެރުންތައް ރާއްޖެއިން މި އަންނަނި ހޯދަމުން." ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ، ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދިނުމަށް މިހާރު ހަރަކާތްތެރިވާ ތިން ކުންފުނިންވެސް، ރާއްޖެއަށް އާ ޓެކްނޮލޮޖީތައް ގެނައުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ބޮޑަށް ބަލައިގަންނަ މުހިންމު މަސައްކަތެއްކަމަށެވެ.

އެ ރަސްމިއްޔާތުގައި ސްޕޭސްއެކްސްގެ ސީނިއާ ޑިރެކްޓަރު ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން ރަޔަން ގުޑްނައިޓް ވަނީ، ރައްޔިތުން ބޭނުންވާފަދަ ފުރިހަމަ ޚިދުމަތެއް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.