ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބާއްވާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޕީއެސްއެމް އިން އިންތިޒާމުކުރާ މި ބަހުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު ފުރަތަމަ ދުވަހުގެ ރޭ 9:00 ގަ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބަހުސަށް ވަޑައިގަންނަވާނެކަން ރައީސް ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑަށް އެބަ ކޮންފާމް ކޮށްދެއްވާ ރައީސް ސޯލިހު އެމްއެންޔޫ ބަހުސަށް ވަޑައިގަންނަވާނެކަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އެއީ އިލްމީ ބަހުސް ހިނގާ ތަނެއް ކަމަށާއި ޔުނިވާސިޓީތަކުގައި އިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ބޭއްވި ރިޔާސީ ބަހުސްގައި، އޭރު ޕީއެސްއެމަށް ނުފޫޒު ފޯރާފައި އޮތް ކަމަށް ވިދާޅުވެ ކެމްޕޭން ޓީމުން ނިންމީ ރައީސް ސޯލިހު ބައިވެރިވެވަޑައިނުގަންނަވާ ގޮތަށެވެ. މި އަހަރު ވެސް ބައެއް އަމިއްލަ މީޑިއާތަކުން ބާއްވާ ބަހުސްތަކުގައި، ދަތުރު ޝެޑިއުލް ހުރި ގޮތުން ރައީސް ބައިވެރިވެވަޑައިނުގަންނަވާނެ ކަން ވަނީ އަންގައިފަ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. މި އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.

މިއީ ރާއްޖޭގައި ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ފަހަރެވެ. މި ފަހަރުގެ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރާ ތިން ކެންޑިޑޭޓުން ވެސް ހިމެނެ އެވެ. މި ފަހަރުގެ އިންތިހާބުގައި ކެންޑިޑޭޓާއި ރަނިންމޭޓުގެ ގޮތުގައި ދެމަފިރިން ވެސް ވާދަކުރެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މުޅިން އާ ކަމެކެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ

  1. އުމަރު ނަސީރު (އަމިއްލަ)
  2. ހަސަން ޒަމީލް (އަމިއްލަ)
  3. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)
  4. ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
  5. ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
  6. އަހުމަދު ފާރިސް މައުމޫން (އަމިއްލަ)
  7. އިލްޔާސް ލަބީބު (ޑިމޮކްރެޓްސް)
  8. މުހައްމަދު ނާޒިމް (އެމްއެންޕީ)