ވޮޝިންޓަން (20 ޖެނުއަރީ) - އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ހަތަރު ރިޔާސީ ދައުރު ނިމި ވައިޓްހައުސް އަށް އަލްވަދާއު މިއަދު ކިޔައިފި އެވެ.

އެމެރިކާގެ ރައީސްކަމަށް އަލަށް އިންތިހާބު ކުރެވުނު ޖޯ ބައިޑެން ރައީސް ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އެމެރިކާގެ ވޮޝިންޓަންގައި ކުޑައިރުކޮޅެއްގެ ތެރޭގައި އޮންނާނެ އެވެ. ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތަށް ދައުވަތުދީގެން ގިނަ ބަޔަކު ވޮޝިންޓަންގައި އޮންނަ ހާއްސަ ހަފްލާގައި ބައިވެރިވާއިރު އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ ކުރީގެ ރައީސް ޓްރަމްޕް މިހަފްލާގައި ބައިވެރި ވަޑައިނުގަތުމެވެ.

ޓްރަމްޕް ވެގެންދާނީ އެމެރިކާގެ ވެރިކަންކުރި ރައީސުންގެ ތެރެއިން އަލަށް އިންތިހާބު ކުރެވޭ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާ ހަތަރު ވަނަ ރައީސް އަށެވެ. މީގެ ކުރިން ތިން ރައީސަކު ވަނީ އެ މީހުންގެ ދައުރު ނިމި އަލަށް އިންތިހާބު ކުރެވުނު ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންފަ އެވެ. މީގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ދެ ވަނަ ރައީސް ޖޯން އެޑަމްސް، އެމެރިކާގެ ހަ ވަނަ ރައީސް ޖޯން ކްއިންސީ އެޑަމްސް އަދި އެމެރިކާގެ 17 ވަނަ ރައީސް އެންޑްރޫ ޖޯންސަން އެވެ.

ޓްރަމްޕް ވަނީ މީގެ ކުރިން ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުޑައިރުކޮޅެއްގެ ކުރިން ޓްރަމްޕް ވަނީ ވައިޓްހައުސް ދޫކޮށް ރިޔާސީ ހެލިކޮޕްޓަރު މެރިން ވަންގެ ހެލިކޮޕްޓަރުގައި ޖޮއިންޓް ބޭސް އެންޑްރުސް އަށް ވަޑައިގަންނަވާފަ އެވެ. އަދި އެތަނުން ރިޔާސީ މަތިންދާބޯޓު އެއާފޯސް ވަންގައި ފްލޮރިޑާގައި ހުންނަ ގެކޮޅަށް ވަޑައިގަންނަވާނެ އެވެ.

ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން އެންމެ ފަހުފަހަރަށް ވާހަކަފުޅު ދައްކަވަނީ
ޓްރަމްޕްގެ އާއިލާ ބޭފުޅުން މިލިޓަރީ ބޭސްގައި

ޓްރަމްޕް މިލިޓަރީ ބޭސް އެންޑްރޫސް އަށް ވަޑައިގެން އެންމެ ފަހު ފަހަރަށް ރައީސްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައި އެމެރިކާގެ ރައީސްކަމުގެ ގޮތުގައި ހުންނެވުމުގެ ފުރުސަތު ލިބުމަކީ ލިބޭނެ އެންމެ ބޮޑު ޝަރަފްކަމުގައި ދެންނެވި އެވެ. އަދި އަބަދުވެސް އެމެރިކާގެ ރައްޔަތުންގެ ހައްގުގައި ހުންނަވާނެ ކަމަށާއި، އަބަދުވެސް އެމެރިކާގެ ރައްޔަތުންނަށްޓަކައި ހަނގުރާމަ ކުރާނެ ކަމަށް ވިދާޅުވި އެވެ.

އަލަށް އިންތިހާބް ކުރެވުނު ޖޯ ބައިޑެން އަދި ނައިބް ރައީސްގެ ނަން ވިދާޅުނުވެ އަލަށް ގައުމާ ހަވާލުވެ ވަޑައިގަންނަވާ ބޭފުޅުންނަށް ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވި އެވެ. މި ހަފްލާގައި ބައިވެރިވީ ޓްރަމްޕްގެ އާއިލާގެ ބޭފުޅުންނެވެ.