ޗައިނާގެ ސަަރަހައްދެއްގައި އުމުރުން 25 އަހަރަށްވުރެ ހަގު އުމުރުގައި އަންހެނުން ކައިވެނި ކުރާނަމަ ފައިސާގެ އިނާމެއް ދޭން އެ ސަރަހައްދުގެ ރަސްމީ އިދާރާތަކުން ނިންމައިފި އެވެ.

އެގޮތުން ޗަންގްސަން ކައުންޓީގައި އަލަށް ކައިވެނިކުރާ ދެމަފިރިންގެ ތެރެއިން އަންހެން މީހާގެ އުމުރު 25 އަހަރަށްވުރެ ހަގު ނަމަ އެ ދެމަފިރިންނަށް 1000 ޔޫއާން (ގާތްގަނޑަަކަށް 109 ޑޮލަރު) ދޭން ވަނީ ހަމަޖެހިފަ އެވެ.

މި ނިންމުމަކީ ހަގު އުމުރުގައި ދަރިމައިވުން އިތުރުކޮށް ޗައިނާގައި އަލަށް އުފަންވާ ކުދިންގެ ރޭޓު މަތި ކުރުމުގެ ގޮތުން އެގައުމުން ހިންގާ ޕްރޮގްރާމްގެ ދަށުން ނިންމި ނިންމުމެކެވެ.

ފައިސާގެ އިނާމުގެ އިތުރުން ކައިވެނިކޮށް އަވަހަށް ދަރިން ހޯދަން ބޭނުންވާ އާއިލާތަކަށް ދަރިމައިވުމުގެ ބޭސްފަރުވާއާއި ދަރިން ބެލުމުގެ ޚަރަދާއި ތައުލީމުގެ ސަބްސިޑީތައް ވެސް ދޭން އެ ކައުންޓީއިން ނިންމާފައިވެ އެވެ.

ނިމިދިޔަ 2022 ވަނަ އަހަރު ޗައިނާގައި ކުރި ކައިވެނީގެ އަދަދު ވަނީ ރެކޯޑު މިންވަރަކަށް ދަށްވެފަ އެވެ. އެ އަހަރު އެގައުމުގައި ކުރެވުނީ އެންމެ 800،000 ކައިވެންޏެވެ. މިއީ 1986ގެ ފަހުން މި އަދަދު އެންމެ ދަށްވި ފުރަތަމަ ފަހަރެވެ.

ކައިވެނިތައް މަދުވުމާއެކު ޗައިނާގައި އަލަށް އުފަންވާ ކުދިންގެ މިންވަރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މިއީ ދިގު މުއްދަތުގައި އެގައުމުގެ އާބާދީއަށް އޮތް ނުރައްކަލެކެވެ.

ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް އޮތް ގައުމަށްވާއިރު އަލަށް އުފަންވާ ކުދިން މަދުވަމުން ދިއުމާއެކު އެގައުމުގައި މިހާރު ގިނަ ވަމުން އަންނަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެވެ.

މިއީ ކުރިއަށް އޮތް 50 އަހަރު ތެރޭގައި އެގައުމުގެ އިގްތިސާދަށް ވަރަށް ގެއްލުންހުރި ކަމެއް ކަމަށް އިގްތިސާދީ މާހިރުން އަންނަނީ ކެނޑިނޭޅި އިންޒާރު ދެމުންނެވެ.