މާލޭއާއި ހުޅުމާލެއާ ދެމެދު ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މިރެއިން ފެށިގެން ކޮންމެ ރެއަކު ވެސް 12:30 ގެ ފަހުން ވެސް މާލެއާއި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާލެއާއި ހުޅުމާލެއާ ދެމެދު ދެމުން އަންނަ ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ނިންމީ އެކި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަންވަރު ޑިއުޓީ ނިމޭ މުވައްޒަފުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ދަންވަރު 12:30 ގެ ފަހުން ފަތިހު 5:30 ވަންދެން ކޮންމެ 1 ގަޑިއިރުން ދަތުރުތައް އޮންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ވަރަށް ގިނަ ރިކުއެސްޓް އެބައާދޭ ދަންވަރު 12:30 ގެ ފަހުން ބަހުގެ ދަތުރުތައް ނޯންނާތީ. ޚާއްސަކޮށް ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން އަދިވެސް އެހެން ތަންތަނުގައި މަސައްކަތް ކުރާ މީހުން ދަންވަރަށް ޑިއުޓީއަށް ގޮސް އަންނަން އެބަޖެހޭ. އެކަމަށް ހައްލެއް ގެނައުމަށްޓަކައި ދަންވަރު ކޮންމެ އެއްގަޑިއިރުން އެއްގަޑިއިރު ބަހުގެ ޚިދުމަތް ލިބެމުންދާނެ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއެކު ކޮންމެ ފަހަރަކު ބޮޑު އަގުދީގެން ޓެކްސީގައި ދަތުރުކުރާ މީހުންނަށް ލުއިފަސޭހަ ވާނެ ކަމަށެވެ. އަދި މިހާރު މިގޮތަށް ނިންމި ނަމަވެސް ކުރިއަށް އޮތްތަނުގައި ރައްޔިތުން ބޭނުންވާނަމަ ދަންވަރު ބަހުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީން މާލެއާއި ހުޅުމާލެ ފޭސް 1 ދެމެދު ބަހުގެ ޚީދުމަތް ދެނީ ކޮޅަކަށް 10 ރުފިޔާގެ ރޭޓުންނެވެ. އަދި ފޭސް 2 އަށް ދަތުރުކުރަނީ ކޮޅަކަށް 15 ރުފިޔާއަށެވެ. މިހާތަނަށް ބަހުގެ ޚިދުމަތް ދެމުން އަންނަނީ ފަތިހު 5:30 އިން ދަންވަރު 12:30 އަށެވެ.

އެމްޓީސީސީން އަންނަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ދިނުމުގެ އިތުރަށް މާލެ އާއި ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ވެސް ދެމުންނެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ބަހުގެ ޚިދުމަތް ދެމުން އަންނައިރު އަންނަ ހަފްތާގައި ދިއްދޫގައި ބަހުގެ ޚިދުމަތް ފެށުމަށް ވެސް އެކުންފުނިން ވަނީ ނިންމައިފަ އެވެ.