ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން ރައްޔިތުން ބާލާ އެރަށް ފަޅުކުރި ހާދިސާއާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު އެރަށު ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފި އެވެ.

ގދ. ތިނަދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައީސް ނާސިރުގެ ވެރިކަމުގައި ތިނަދޫން ރައްޔިތުން ބާލާ އެ ރައްޔިތުންނާ މެދު އޭރު އަމަލު ކުރީ އެއްވެސް ރައީސަކު އަމަލުކުރަން ވާނެ ގޮތަކަށް ނޫން ކަމަށެވެ.

މިއަދު ވެސް ވެރިއަކަށް ހުރި މީހެއްގެ ހައިސިއްޔަތުން އެކަމާ ދޭތެރޭ ތިނަދޫ ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް އެމަނިކުފަނު ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"1962 ގެ ތެރޭގައި ތިނަދޫ ފަޅުވި ހިތާމަވެރި ހާދިސާއެއް އެއީ. އަޅުގަނޑު ދަންނަވާނީ އެއްވެސް ސަރުކާރަކުން ރައްޔިތަކާ ދޭތެރޭގައި އަމަލުކުރަން ވާނެ ގޮތަކަށް ނޫނޭ އޭރުގެ ސަރުކާރުން އަމަލުކުރަމުން ދިޔައީ. އެއީ މިއަދު ވެސް އެކަމާ ދޭތެރޭގަ މައާފަށް އެދެންޖެހޭ ކަމެއް. ސަރުކާރުގެ ވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަމަށް މާފަށް އެދެން،" ރައީސް ވިދާޅުވި އެވެ.

ގދ ތިނަދޫގައި މިރޭ ބެއްވި ޖަލްސާގެ ތެރެއިން

ރައީސް އިތުރަށް ވިދާޅުވީ ހުވަދު އަތޮޅަކީ ވިޔަފާރި އާއި އިގްތިސޯދީ ގޮތުން ކުރިއަރާފައިވާ ތަރައްގީ އަތޮޅެއް ކަމަށެވެ. މިސަރުކަރުން ތިނަދޫ އަށް ގެންނަން އުޅެނީ ސިނާއީ ގޮތުން ބޮޑު ބަދަލެއް ކަމަށް ރައިސް ވިދާޅުވި އެވެ.

ގދ. ތިނަދޫ އަކީ ސިޓީއެއް ކަމަށް ރައީސް ޞޯލިހު މިއަދު ވަނީ ހަމަޖައްސަވައިފަ އެވެ.