ސ. މަރަދޫފޭދޫގައި ވަޅި ހަރައި މަރާލި އެ ރަށު ބްލޫސްޓާ، އަހުމަދު ޝުއައިބު މަރާލި މައްސަލާގައި އޭނާގެ ކޮއްކޮ ހުސައިން މަވާޒް ކުށަށް އިއުތިރާފްވުމުން މައްސަލަ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މަރަދޫ ފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމަށް ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މެއި 31 ވަނަ ދުވަހުގެ ރެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މަވާޒް ވަނީ އޭނާގެ ކުށަށް އިއުތިރާފްވެފަ އެވެ. ކަން ހިނގާދިޔަ ގޮތް ކިޔައިދެމުން މަވާޒް ބުނީ ބޭބެ ކެފޭއެއްގައި އިންދައި ފެނިގެން ގޮސް ބޭބެ ފޯނު ނަގައިގެން އޭނާ ދިޔައީ ކަމަށެވެ. އޭގެ ފަހުން ގެއަށް ދިޔައީ މަސްތުވާއެއްޗެހި ބަލާ ކަމަށާއި، ގެއަށް ވަނުމުން ބޭބެ ފޯނު ކޮބާތޯ ސުވާލު ކުރަން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭބެ ސުވާލު ކުރަން ފެށުމުން ސިމްކޮޅާއެކު ފޯނު ވިއްކާލި ކަމަށް އޭނާ ބުންޏެވެ. އެ ހިސާބުން ދެބެއިންގެ ދެމެދު ހަމަނުޖެހުން ފެށި މާރާމާރީ ހިންގަން ފެށީ ކަމަށް މަވާޒް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ބޭބެއަށް ހަމަލާ ދިނީ ތޫނު ކަތުރަކުންނެވެ. ހަމަލާ އަމާޒުވީ ބޭބެގެ ކަރުގެ ވާއަތްފަރާތުން ތިރިއަށެވެ. އޭނާއަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އިހުސާސްވީ މަންމަ އައިސް އޭނާގެ ގައިގައި ތަޅައިގަތުމުން ކަމަށް ވެސް ބުންޏެވެ.

މަވާޒް ވަނީ ބޭބެ މަރާލި ދުވަހުގެ ޖެހިގެން އައި ދުވަހު އަމިއްލައަށް ފުލުހާ ހަވާލުވެފަ އެވެ.