އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި އެވެ.
މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި، އައިކެއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރާއި މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިނެވެ.
އެއީ މަންދޫ ކައުންސިލާއި 17 އޮގަސްޓް 2016 ގައި އައިކެއާ ޕްރައިވެޓް ލިމިޓެޑާ އެކު ވެވުނު ސީއެސްއާރު އެގްރީމެންޓެއްގެ ދަށުން ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމެކެވެ.
މިއަދު ވަނީ މި ނިޒާމުގެ މަސައްކަތް އައިކެއާ އިން ނިންމާ، މަންދޫ ކައުންސިލާ ހަވާލުކޮށްފަ އެވެ. އަދި މަންދޫ ކައުންސިލުން ވަނީ މި ހިދުމަތް އެ ރަށުގައި ދިނުމަށްޓަކައި ސްޓެލްކޯއާ ހަވާލުކޮށްފަ އެވެ.
މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކުރި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި މަންދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިނެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މަންދޫ ކައުންސިލްގެ ނައިބް ރައީސް ދެއްކެވި ވާހަކާގައި ވަނީ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި، ފެނާއި ނަރުދަމާގެ ހިދުމަތް ހުރިހާ ރަށަކަށް ދިނުމަށް ނިންމާ އެ މަސައްކަތް ކުރަމުންދަނީ އެއީ ރައްޔިތުންނަށް ބޭނުންވާ ވަރަށްވެސް ބޮޑު އަސާސީ ހިދުމަތަކަށް ވާތީ ކަމަށެވެ.
ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ނިންމާ، އެ ހިދުމަތްދޭން ފެށުނީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފްގެ ވަރަށް އިޚްލާސްތެރި މަސައްކަތްތަކަކާ އެކުގައި ކަމަށެވެ.
"މިރަށަށް ސަރުކާރާއި، އެމްޑީ ޝަރީފް ގެންގުޅުއްވާ ގާތްކަމުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރުގައި، ކަރަންޓާއި ހަވާލުވެ، މި ރަށަށް ވެސް މިއޮތީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައި. އެއްކަމަކަށް މުޅި ރަށުގެ ކޭބަލް ނެޓްވޯކް މިވަނީ ބަދަލުކޮށްދެއްވާފައި. އެއާއެއްކޮށް ޕެނަލްބޯޑު ބަދަލުކޮށްދެއްވައިފި. އަދި އެއަށްވުރެ މާ މުހިއްމު ކަމެއް. ވަރަށް ގިނަ ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވައިފި. މިއީ އަޅުގަނޑުމެންގެ މިކުޑަކުޑަ އާއިލާއަށް ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އެ ވަޒީފާތަކަކީ ވެސް،" އިބްރާހިމް ހުސައިން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވަނީ، އައިކެއާ ޕްރައިވެޓް ލިމިޓެޑަށް ސަރުކާރާއި، ސްޓެލްކޯގެ ނަމުގައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިފަދަ މަސައްކަތްތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި، ކުދި އާބާދީތަކަށް ތަރައްގީ ގެނެވޭނެ ނިޒާމަކީ ނުވަތަ ސިސްޓަމަކީ މިއީ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހަމަ އެކަނި ސަރުކާރާއި، ސަރުކާރާ ގުޅިފައިވާ ފަރާތްތަކަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީކުރަންޖެހޭ ވަރަށް ނުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެގެން އަޅުގަނޑުމެން އަބަދުވެސް ޕްރައިވެޓް ސެކްޓާރއަށް ދައުވަތު އަރުވަން، އަދި މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އަޅުގަނޑުމެން ދޮރު ހުޅުވާލާފައި ބާއްވަން،" ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯއާ ހަމަޔަށް މި ޕްރޮޖެކްޓް އައި އިރު ރިކުއާމަންޓަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި، މިވަގުތު ގާއިމްކޮށްފައިވާ ސިސްޓަމުގައި 10 ޓަނުގެ ދެ އާރޯ ޕްލާންޓާއި، 74 ޓަނުގެ ދެ ސްޓޯރޭޖް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަވާލުވުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންކަން ހުރުމާ އެކު ހަވާލުވުން ލަސްވިކަމަށާއި، ނަމަވެސް، މިހާރު އެކަންކަން ހައްލުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މިންވަރު ނުވަތަ ރިކުއާމަންޓަށް ބަލާއިރު ދުވާލަކަށް 35 ޓަނު ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެން ނަމަވެސް މިވަގުތު ގާއިމްކޮށްފައިވާ ނިޒާމުން އުފެއްދެނީ 20 ޓަނު ކަމަށެވެ. އަދި އެހެން އެކަން އޮތް ނަމަވެސް، މި ހިދުމަތް ހުއްޓުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރާއި ކައުންސިލުން މި ހިދުމަތް ދިނުން ސްޓެލްކޯއާއި ހަވާލުކޮށްފައިވާތީ، ރައްޔިތުންނަށް ބޭނުންވާ މި ހިދުމަތް އިތުރަށް ފުޅާކޮށް، ހުއްޓުމެއްނެތި ދިނުމުގެ ޒިންމާ ސްޓެލްކޯއިން ނަގާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތިބޭފުޅުންނަށް މިދޭ ހިދުމަތް ހުއްޓުނަކަ ނުދޭނަން. ޔަގީން ކުރައްވާ. މިއީ އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒަފުން މަންދޫގެ ރައްޔިތުންނަށް ވާ ވައުދެއް. އަދި ކޮންމެ ރަށެއްގައިވެސް މިފަދަ ހިދުމަތްތައް ފަށާއިރުގައި ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެން ހަދިޔާއެއްދެން. އެގޮތުން ކޮންމެ ކަނެކްޝަނަކަށް، ކޮންމެ ކޮންޒިއުމާއަކަށް، އަޅުގަނޑުމެން 1 ޓަނުފެން ހިލޭ މިއަދުން ފެށިގެން ދޭނަން،" ޝަރީފް ވިދާޅުވި އެވެ.