ރިސޯޓް ހެދުމަށް ހާއްސަކޮށްގެން އައްޑޫގައި ހިއްކާފައިވާ ތިން ރަށަށް ކިޔާނެ ނަންތަކެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އައްޑޫގައި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ނެދަލެންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށް ހިއްކާފަ އެވެ. އަދި އިތުރު ދެރަށެއް ހިއްކުމުގެ މަސައްކަތް އެމްޓީސީސީއިން އަންނަނީ ކުރަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިހާރު ހިއްކާ ނިމިފައުވާ ތިން ރަށަށް ކިޔާނެ ނަންތަކަކާމެދުގައި އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ކަމަށެވެ. ހިއްކާފައިވާ ރަށްތަކަށް ނަން ކިޔަން އާންމުންގެ ހިޔާލަށް ހުޅުވާލާފައިވަނީ، އެ ރަށްތަކުގައި ރިސޯޓު ތަރައްގީކުރަން، ބީލަމަށް ހުޅުވާލުމަށް ކަމަށް ކައުންސިލުން ބުނެ އެވެ.

ނަން ކިޔުމަށް ހުޅުވާލާފައިވަނީ ހިތަދޫ ފަޅުތެރެއިން ހިއްކާފައިވާ ދެ ރަށާއި، މީދުއާ އިންވެގެން އޮތް ފަޅުތެރޭގައި ހިއްކާފައިވާ ރަށެކެވެ. ކައުންސިލުން ބުނީ މި ރަށްތަކަށް ކިޔަން ބޭނުން ވަނީ އައްޑުއާ ގުޅޭ ކަހަލަ ނަންތަކެއް ކަމަށެވެ.

މި ރަށްތަކަށް ކިޔަން ބޭނުންވާ ނަންތައް ގޫގުލް ފޯމެއް މެދުވެރިކޮށް ފޮނުވަން އެދިފައި ވާއިރު، 'ޖިއޯގްރަފިކް ތަންތަނަށް ނަން ކިޔުމުގެ އުސޫލު'ގައިވާ ނަން ފާސްކުރުމުގެ މިންގަނޑުތަކަށް ރިއާޔަތްކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

އިންޑިއާއިން ދީފައިވާ ލޯނެއްގެ ދަށުން، ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫގައި ޖުމްލަ 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ރިސޯޓެއް ތަރައްގީކުރަން ހިއްކާ 13.3 އެކްޓަރު ބިމާއި ހިތަދޫގެ ދެ ސަރަހައްދަކުން 94 ހެކްޓަރު ބިމެކެވެ. އަދި މަރަދޫއާއި މަރަދޫފޭދޫއިން 76 ހެކްޓަރު ބިމާއި ހުޅުމީދޫގައި 32.3 ހެކްޓަރު ބިމެކެވެ.