މާލޭގެ މަގުތައް ވިއްކައިގެން ލާރި ނަގައިގެން ކެމްޕޭން ކުރާކަށް ފުރުސަތެއް ނުދެއްވާނެ ކަމަށާއި އެތަންތަން ނަގާނެ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި އެތައް ހާސް ބަޔަކާ އެކު އެމްޕީޑީން މިރޭ ބޭއްވި "އުފާވެރި މާލެ" ބިޔަ ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގެ ޓްރެފިކުގެ މައްސަލައަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް މަތިކޮށްފައި އޮތް ކަމެއް ކަމަށެވެ.

"އެހެން ނަމަަވެސް ބައްލަވާ ކުރިމަތިން ފެންނަން މިއޮތް ތަންތަން. މި ހުރީ ޕާކިން އަށް ވިއްކާފައި. އެޑްވާންސްކޮށް ލާރި ނަގައިގެން ވިއްކާފައި. ރާއްޖޭގެ ބޮޑެތި ފަޅުތަކާއި ރަށްތައް ވިއްކި ގޮތަށް މިއަދު އެހުރީ މާލޭގެ މަގުތައް ވިއްކާ ހުސްކޮށްފައި،" ކާނިވާ ސަރަހައްދުން ވިއްކާފައި ހުރި ޕާކިން ޒޯނުތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ދެން އަންނަ ދައުރެއްގައި އެކަންކަން ބަދަލުކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ އުފާވެރި މާލެ މެނިފެސްޓޯ ތައާރަފް ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން: ފޮޓޯ އެމްޑީޕީ.

"މި ތަންތަން ނަގަން ޖެހޭ. އެމްޑީޕީގެ ސިޔާސަތަކީ މަގުތައް ހުސްކޮށް، ޕާކިން އަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅުން. މިހެން މަގުތައް ވިއްކައިގެން ލާރި ނަގައިގެން ކެމްޕޭން ކުރާކަށް ފުރުސަތެއް ނޯންނާނެ،" މާލޭގައި މަގުތަކުން ކާރު ޕާކިން އަށް ޖާގަ ދިނުމުގައި ސިޓީ ކައުންސިލަށް އަމާޒުވާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި، އަޑުފުޅަށް ބާރުލައްވައި ރައީސް ވިދާޅުވި އެވެ.

މާލޭގެ މަގުތަކުން ޕާކިން އަށް ޖާގަ ވިއްކުމުގައި ސިޓީ ކައުންސިލުން އެކި މީހުން އަތުން ނާޖާއިޒް ފައިދާ ނަގާކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ކުރެ އެވެ. ކެމްޕޭން ބައެއް ޖަލްސާތަކުގައި ވެސް ވަނީ އެ ގޮތަށް ހޯދާފައިވާ ފައިސާ މުއިއްޒުގެ ކެމްޕޭނުގައި ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މާލޭގެ ޕާކިން މައްސަލަ ހައްލު ކުރުމަށް ނެއިބަހުޑް ޕާކިން އިމާރާތްތަކެއް އަޅައި ހިނގާފައި އުޅުމަށް ޚާއްސަ މަގުތަކެއް ހަމަޖެއްސުމަށް ވެސް އެމްޑީޕީން އާއްމުކުރި މާލޭގެ ޕްލޭންގައި ހިމަނާފައިވެ އެވެ. މާލޭގެ ކޮމާޝަލް ހާބަރު ގުޅީ ފަޅަށް ބަދަލުކުރުމުން މާލޭގެ ބާޒާރު ސަރަހައްދަށް ގެންނަ ބޮޑު ބަދަލުގެ ގޮތުގައި ބަނދަރު ބަދަލު ކުރުމުން އެ ތަނުގައި ކްރޫޒް ޓާމިނަލެއް އަޅަން ހަމަޖައްސާފައިވެ އެވެ. އަދި އެ ސަރަހައްދުގައި ޝޮޕިން މޯލްތަކާއި ސިނަމާ އާއި އެހެން ވެސް ވަސީލަތްތަކާ އެކު ހިތްފަސޭހަ ތަނަކަށް ހަދަން މާލޭގެ ޕްލޭންގައި ހިމަނާފައިވެ އެވެ.