ހދ. މަކުނުދޫ ފަޅުގައި އިތުރު ރިސޯޓެއް ހަދާ އެސަރަހައްދުގައި ޓުއަރިޒަމް އިތުރަށް ކުރިއަރުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް ހދ. ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިރޭ މަކުނުދޫގައި ބޭއްވި ޖަލްސަގައި ރައީސް ވިދާޅުވީ އަންނަ ދައުރުގައި މަކުނުދޫ ފަޅުތެރޭ އިތުރު ރިސޯޓެއް ހައްދަވައިދެއްވާނެ ކަމަށެވެ. މަކުނުދޫ އަކީ ތަފާތު ރީތި ކަމެއް ލިބިފައިވާ ގުތުރަތީ ގޮތުން މުއްސަނދި ރަށެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ފަތުރުވެރިކަން ފައްކާ ކުރަން އެންމެ ރަނގަޅު ސަރަހައްދު ކަމަށް ރައީސް ވިދާޅުވި އެވެ.

މަކުނުދޫގެ އެއާޕޯޓު އެޅުމަށް މިހާރު ވަނީ ބިން ހިއްކަން ފަށާފަ އެވެ. ރައީސް ވިދާޅުވީ މަކުނުދޫ އެއާޕޯޓު ނިމުމާއި އެކު އެސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރާ ދާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މަކުނުދޫ ފަޅުގައި އިތުރު ރިސޯޓް ހެދުމަށް އަޅުގަނޑުމެން ހުޅުވާލާނަން، މަކުނުދު އަކީ ތަފާތު ސިފަތަކެއް ލިބިފައިވާ ރާއްޖޭގެ އަތޮޅެއް. މުޅި ރާއްޖެއާ ވަކިން އޮތް ނަމަވެސް، ރީތި ފަޅަކާއި ރީތި ފަރަކާ، އެހެން ގޮސް ޓޫރިޒަމަށް އެންމެ ފައްކާ އެއް ތަން" ރައީސް ވިދާޅުވި އެވެ.

ހދ. މަކުނުދޫގައި އެމްޑީޕީ އިން މިރޭ ބޭއްވި ކެމްޕެއިން ޖަލްސަގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

ރައީސް އިތުރަށް ވިދާޅުވީ އެއާޕޯޓު ހަދަން ބިން ހިއްކާއިރު އިތުރު ދެރަށެއް ހެދޭ ވަރަށް ހިއްކާނެ ކަމަށާ އެއީވެސް މިސަރަހައްދުގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. މިގެ އިތުރުން މެރިކަލްޗާއަށް ވަކި ސަރަހައްދެއް ހުޅުވާލައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.