ޒީ ޓީވީއިން ގެނެސްދޭ ލަވަ ކިޔުމުގެ ރިއަލިޓީ ޝޯ "ސާރޭގާމާޕާ"އަކީ އިންޑިއާގެ އިތުރުން ގިނަ ގައުމުތަކުގައި މަޝްހޫރު ޝޯ އެކެވެ.
އެ މުބާރާތުގެ 31 ވަނަ ސީޒަން މިހާރު ފަށާފައިވާއިރު މި ސީޒަންގެ ހޮސްޓެއްގެ ގޮތުގައި މެދުކެނޑުމަކަށްފަހު އަނެއްކާ ވެސް ފެނިގެންދަނީ ލަވަކިޔުންތެރިޔާ އަދިތްޔާ ނާރަޔަން އެވެ.
އަދިތުޔާއަކީ 2007 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އެ ޝޯ ގަވާއދުން ހުށައަޅައިދެމުން ދިޔަ ފަރާތެކެވެ. އެކްޓިންގެ ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި ޝޯއާ އަދިތުޔާ ދުރަށް ދިޔައީ މީގެ ދެތިން އަހަރު ކުރިންނެވެ.
އެހެން ނަމަވެސް ޝޯގެ އާ ސީޒަންއާއެކު އަދިތުޔާ ވެސް މިވަނީ އެނބުރި އައިސްފަ އެވެ. އޭނާ ބުނީ އަނބުރާ އަންނަން ޖެހުނީ އެ ޝޯއަށްޓަކައި އޭނާގެ ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.
އަދިތްޔާއަކީ 90ގެ އަހަރުތަކުގައި މަޝްހޫރުވި ލަވަކިޔުންތެރިއެއް ކަމަށްވާ އުދިތު ނާރާޔަންގެ ދަރި އެކެވެ. ވަރަށް ހަގު އުމުރުން ފެށިގެން އަދިތުޔާ އަންނަނީ ބޮލީވުޑްއާއި ޓީވީގެ އެކި ކަންކަމުގައި ހަރަކާތްތެރި ވަމުންނެވެ.
ޝޯގެ މި ސީޒަންގައި އަދިތުޔާ ހޮސްޓެއްގެ ގޮތުގައި ފެނިގެންދާއިރު ޖަޖުންގެ ގޮތުގައި ފެންނަނީ ހިމޭޝް ރޭޝްމިޔާ، އަނޫ މަލިކް އަދި ނީތީ މޯހަން އެވެ.