ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ބައެއް މީހުންނަށް އަނިޔާ ލިބުނު ކަމަށްޓަކައި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފި އެވެ.

މިރޭ އާންމު ކުރެއްވި ވީޑިއޯއެއްގައި ފާރިސް ވިދާޅުވީ އޭރު ލިބުނު ހިތާމަތަކުގައި އަދިވެސް ބަޔަކު ދެމިތިބިކަން ގަބޫލުކުރައްވާ ކަމަށެވެ.

"ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި އަދި ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއް. އަޅުގަނޑު ގަބޫލުކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އެ ހުރިހާ އެންމެނަށް އޭނާގެ ވެރިކަމެއްގައި ތަސައްލީއެއް ގެނެސްދެއްވާނެ ކަމަށެވެ.

އޭނާގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރެއްގައި އެފަދަ ކަމެއް ނުހިނގާކަން ކަށަވަރު ކުރުމަކީ އަމިއްލަ ޒިންމާއަކަށް ހަދާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

މައުމޫންގެ ވެރިކަމުގައި އެތައް ބަޔަކަށް އަނިޔާ ލިބުނު ކަމަށް ދެކެވޭ ވާހަކައަކީ ޒަމާންވީ ވާހަކައެކެވެ.