ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، ހަތް މީހުންގެ ޖޫރިމަނާ ކުޑަކޮށްދީފި އެވެ.

ވެލާ ފެޅުމުގައި ބައިވެރިވި އެ އަތޮޅު ކެންދޫގެ ހަތް މީހުން ކުރެ ކޮންމެ މީހަކު 198،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. މުޅި ޖުމްލަ 1،386،000 ރުފިޔާގެ ޖޫރިމަނާއެއް އެ އެންމެން ދައްކަންޖެހެ އެވެ.

އީޕީއޭ އިން ބުނީ އެ ޖޫރިމަނާއާ ގުޅިގެން، ޖޫރިމަނާ ކުރި މީހުން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީގައިވާ ކަންކަމަށް ބަލައި، އެ މީހުންނަށް ކޮށްފައިވާ ޖޫރިމަނާ މުރާޖައާ ކުރަން އެޓާނީ ޖެނެރަލް އޮފީހުގެ ލަފާ ހޯދި ކަމަށެވެ.

އެމީހުންގެ ޖޫރިމަނާ ކުޑަ ކުރީ އޭޖީގެ ލަފާގެ މަތިން ކަމަށް ވެސް އީޕީއޭ އިން ބުނެ އެވެ. އެހެންވެ ވެލާ ފަޅައި، ކެއްކުމުގައި ބައިވެރިވި ކޮންމެ މީހެއްގެ ޖޫރިމަނާ 33،000ރ. އަށް ކުޑަކޮށްދޭން އީޕީއޭ އިން ވަނީ ނިންމާފަ އެވެ.

އީޕީއޭ އިން ވަނީ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފަ އެވެ.

ކެޔޮދު އަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެން ފުލުހުން އެ ރަށަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.

އެ ގްރޫޕުން ހަ ވެލާ ފަޅާލި އެވެ. ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު ދޫކޮށްލީ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ.