މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް ހުރިހާ ކެންޑިޑޭޓުން ވެސް ގެންދަނީ ވެރިރަށް މާލޭގައި އެކި ހަރަކާތްތައް ހިންގަމުންނެވެ.
ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރިވާނީ ވެރިކަން ކުރާ އެމްޑީޕީއާއި އިދިކޮޅު ޕީއެންސީ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކެމްޕެއިނަށް ރަށްރަށަށް ކުރެއްވި ދަތުރުތައް ނިންމާލެއްވުމަށް ފަހު މިއަދު ހަވީރު ވަނީ މާލެ ވަދައިގެންފަ އެވެ.
އެމްޑީޕީ އިން ކެމްޕެއިން ނިންމާލުމަށް މާލެ އުސްފަސްގަނޑުގައި ބޮޑު ހަރަކާތެއް ވަނީ ބާއްވައިފަ އެވެ. ރައީސް ސޯލިހު ވެސް ކ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ކެމްޕޭން ނިންމާލީ އުސްފަސްގަނޑުގައި ބޭއްވި ހަރަކާތުގަ އެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ނިންމުމަށް ބޭއްވި ހަރާކަތުގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.
ރިޔާސީ އިންތިހާބުގައި ބައިވެރިވާ ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ކެމްޕެއިން ނިންމުމަށް ގިނަ ހަރަކާތްތަކެއް ރަވާފަ އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ނިންމުމުގެ ހަރަކާތް ފެށީ އާޓިފިޝަލް ބީޗުންނެވެ. ޑރ. މުއިއްޒުގެ ކެމްޕެއިން ނިންމާލީ މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ހިނގާލުމަކުންނެވެ.
މުއިއްޒުގެ ހިނގާލުމުގައި މުއިއްޒުގެ އަނބިކަނބަލުންނާއި ޕީޕީއެމް، ޕީއެންސީގެ އިސްވެރިން ވެސް ބައިވެރިވި އެވެ.
ޖޭޕީގެ ކެންޑިޑޭޓުގެ ގާސިމް އިބްރާހިމްގެ ކެމްޕޭން ނިންމާލަން ބާއްވާ ހިނގާލުން ފަށާފައި ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.
ގާސިމް ކެމްޕެއިން ހަރަކާތް ނންމުމަށް ބޭއްވި ހިނގާލުން ނިންމާލީ ޖޭޕީގެ އޮފީސް މ. ކުނޫޒަށެވެ.
ގާސިމްގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
ރިޔާސީ އިންތިހާބުގައި ގިނަ ވައުދުތަކެއް ވެވަޑައިގެން ގާސިމް ވެސް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ދަތުރުކުރައްވާ ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ.
ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބުގެ ކެމްޕޭން ނިންމުމުގެ ހަރަކާތް ފަށާފައި ވަނީ ރަސްފަންނު ސަރަހައްދުންނެވެ.
އިލްޔާސްގެ ކެމްޕެއިން ނިންމާލާފައިވަނީ ރަސްފަނުގައި ބޭއްވި ހާއްސަ ދުއާއަކުންނެވެ.
އަމިއްލަ ގޮތުން ވާދަ ކުރައްވާ ފާރިސް މައުމޫނުގެ ކެމްޕެއިން ނިންމާލުމަސްވެސް މާލޭގައި ވަނީ ޕިކަޕްބުރެއް ބާއްވާފަ އެވެ.