ކާތިކް އާރްޔަންގެ ކުރީގެ ލޯބިވެރިޔާ ކަމަށް ބުނެވޭ ސާރާ އަލީ ޚާންގެ އޮފީސް ހުންނަ އިމާރާތުން އޭނާ ވެސް އޮފީސް ޖާގައެއް ގަނެފި އެވެ.

މުމްބާއީގެ އަނދޭރީ ސަރަހައްދުގައި ހުންނަ އެ އިމާރާތުން ކާތިކް ގަނެފައިވާ އޮފީސް ޖާގައިގެ އަގު 47.55 ލައްކަ އިންޑިއާ ރުޕީސްއަށް އަރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަމަ އެ އިމާރާތުގައި ސާރާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަމީތާބް ބައްޗަންއާއި ކާޖޮލްގެ ވެސް އޮފީހެއް ހުންނަ ކަމަށްވެ އެވެ.

ސާރާއާ އެއް އިމާރާތަކުން ކާތިކް ތަނެއް ގަތުމުން ގިނަ އާއްމުން އަންނަނީ އެއީ އިއްތިފާގެއް ނޫން ކަމަށާއި އެކަމުގައި ކާތިކްގެ މަގްސަދެއް ވާނެ ކަމަށް ބުނަމުންނެވެ.

އިމްތިއާޒު އަލީގެ ލަވް އާޖް ކަލްގައި ހަރަކާތްތެރިވުމަށްފަހު އެ ދެތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނު ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް ދެތަރިން ކުރެ އެކަކު ވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އެހެން ނަމަވެސް ކާތިކްއަކީ ވަރަށް ގަޔާވާ މީހެއް ކަމަށް ކަރަން ޖޯހަރުގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގައި ސާރާ އެއްބަސްވެފައިވެ އެވެ.