ދިރި ހުރި މީހަކު މަރުވެފައިވާ ކަމަށް ބަލާ ވޯޓުލާ ލިސްޓުގައި ނަން ނެތިގެން ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓުލާ ލިސްޓުގައި މީހެއްގެ ނަން ނެތިގެން ޝަކުވާ ހުށަހަޅައިގެން ބެލިއިރު އެމީހާ މަރުވެފައިވާ ކަމަށް ނިންމާފައިވާ ކަމަށެވެ. ހަބީބު ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓު ހަދަނީ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އަށް ބަލައިގެން ކަމަށާއި އެގޮތަށް އެކަންވެފައި އޮތީ އެ ޑިޕާޓްމެންޓުން ކަމަށް ހަބީބު ވިދާޅުވި އެވެ.

ދިރިހުރި މީހަކު މަރުވެފަވާ ކަމަށް ކަނޑައަޅާފައި ވުމުން އެ މީހާއަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ދިއުމަކީ ހިތާމަކުރާ ކަމެއް، ކުރިއަށް އޮތް ތަނުގައި އެކަން ރަނގަޅު ކުރުމަށްޓަކައި ކޮމިޝަނަށް ކުރެވުނު ކަމެއް ކޮށްދޭނަން،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ އެމީހާއަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ދިޔައީ އިލެކްޝަންސް ކޮމިޝަންގެ އިހުމާލުން ނޫން ކަމަށާއި އެއީ ޑީއެންއާރުގެ އިހުމާލުން ހިނގާ ދިޔަ ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވީ ފަރުދީ ޒިންމާ ވެސް އަދާނުކުރުމުން ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާ އަދި މުއްދަތު ހަމަވި ފަހުން ޝަކުވާއަށް ވެސް ފުރުސަތު ހުޅުވާލި ކަމަށެވެ. އެ މުއްދަތުގައި ޝަކުވާ ހުށަހެޅި ނަމަ އެކަން ދިމާ ނުވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ. ހަބީބު ވިދާޅުވީ ޝަކުވާ މުއްދަތުގައި ރަޖިސްޓްރީވިތޯ ބަލާފައި ޝަކުވާ ހުށަހެޅި ނަމަ ވޯޓު ލުމުގެ ހައްގުން މަހުރޫމް ނުވީސް ކަމަށެވެ.