މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ހައިކޯޓުގެ ޝަރީއަތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން އިއްވި ހުކުމްގައި ގާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ވަރަށް ޔަގީން ކަށަވަރުކަން އެބައޮތް. މާތްﷲ ގެ ތަނަވަސް ރަހުމަތާއެކީގައި ހައިކޯޓުގެ ދެ ފަނޑިޔާރުން އިއްވި ހުކުމުގައި ހަދާފައިވާ ބޮޑެތި ގޯސްތައް، ގާނޫނު ތަތުބީގު ކުރުމުގައި ހަދާފައިވާ ގޯސްތައް، ހެކި ގަބޫލުކުރުމުގައި ހަދާފައިވާ ގޯސްތައް، އަދި ހަމައެއާއެކު މި މައްސަލައިގެ ވާގިއާތު އެބޭފުޅުންގެ ނަޒަރިއްޔާތުން ބަޔާން ކުރުމުގައި ހަދާފައިވާ ބޮޑެތި މާސިންގާ ގޯސްތަކާއި އައިބުތައް، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަކީންކަން، ކަށަވަރުކަން އޮތް ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމުގަ އެވެ. އެއާ ޚިލާފަށް ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައި އެ ހުކުމް ބާތިލް ކުރަންޖެހޭ ކަމަށް ގާނޫނީ ދަލީލުތަކާ އެކު ތަފްސީލުކޮށް ބަޔާން ކުރެއްވި އެވެ.

ޑރ. ޖަމީލް ވިދާޅުވިގޮތުގައި ގާނޫނީ ހަމަތަކުގެ މަތިން ރައުޔު ނެރުއްވީ ފަނޑިޔާރު ޝަހީދެވެ.

"ނިމިގެން ދިޔަ ގަޒިއްޔާގައި އެނގިގެން ދިޔައީ ގާނޫނު މާނަކުރުމުގައި އަދި ހަމައެޔާ އެކީގައި ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ގާނޫނުތަކާއި ގާނޫނު އަސާސީގެ ހަމަތަކުގެ ތެރޭގައި ހުކުމް އިއްވެވި ފަނޑިޔާރަކީ ފަނޑިޔާރު ޝަހީދުކަން. އެރައުޔަކީ ހަގީގަތުގައި ރަނގަޅު ރައުޔުކަމަށް އަޅުގަނޑު ދަންނަވާލަން ބޭނުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް،" ޑރ. ޖަމީލް ވިދާޅުވި އެވެ. "އަދި އެ ހުކުމަކީ ހައިކޯޓުން ނިންމި މި ދެންނެވި ދެ ފަނޑިޔާރުންގެ ހުކުމަކީ އަޅުގަނޑުމެން ބަލައިގަންނަ ހުކުމެއް ނޫންކަމަށް ވަރަށް ސާފުކޮށް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުން."

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ކުރީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ އެސްއޯއެފްގެ އެކައުންޓުންނެވެ. އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެއީ ކޮން ފައިސާއެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމަށް ފަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެމަނިކުފާނު ފައިސާ ބެހެއްޓެވީ އަމިއްލަ އިސްނެގުމަށް ކަމަށާއި އެކަމުން ވެސް އެމަނިކުފާނުގެ ތެދު ނިޔަތް އެނގޭ ކަމަށެވެ.