މިހާރު އެންމެ ބޭނުންވަނީ ރަންވީރު ސިންގް އާއި ކާތިކް އާރިޔަން އާއެކު ފިލްމެއްގައި މަސައްކަތް ކުރަން ކަމަށް މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

ޝާހު ރުކް ހާންއާ އެކު ކުޅުނު 'ބާޒީގަރް' އިން 1993ގައި ބޮލީވުޑަށް ތައާރަފުވި ބަތަލާ ޝިލްޕާ ބުނީ މިހާރު ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މޮޅު އެކްޓަރުންގެ ތެރޭގައި ރަންވީރު ސިންގް އާއި ކާތިކް އާރިޔަން ހިމެނޭ ކަމަށެވެ. އެކަމަކު އެންމެ ބޮޑަށް ފިލްމެއްގައި މަސައްކަތް ކޮށްލަން ބޭނުންވަނީ ރަންވީރު އާއެކު ކަމަށްވެސް ޝިލްޕާ ބުނި އެވެ.

"ރަންވީރަކީ އަހަރެން ވަރަށް ގަޔާވާ އެކްޓަރެއް. ދެން މިހާރުގެ ޒުވާން އެކްޓަރުންގެ ތެރެއިން ކާތިކް އާރިއަނަކީ ވެސް ވަރަށް ފާހަގަކޮށްލެވޭ ތަރިއެއް. އަހަރެންގެ އުމުރާއި އެ މީހުންގެ އުމުރާ ބޮޑެތި ފަރަގުތަކެއް ވެސް އެބަހުރި، އެކަމަކު މި ޒުވާން އެކްޓަރުންނާ އެކީ ވަރަށް ބޭނުން މަސައްކަތްކޮށްލަން. ހާއްސަކޮށް ރަންވީރާ އެކީ." ބޮލީވުޑްގައި މަސައްކަތް ކުރާތާ 30 އަހަރު މިއަހަރު ފުރޭ ބަތަލާ ޝިލްޕާ ބުންޏެވެ.

48 އަހަރުގެ ބަތަލާ ޝިލްޕާ ކުރިއަށް އޮތް ފިލްމަކީ ބޫޝަން ކުމާރުގެ ޓީ-ސީރީޒް އާއި ވިކްރަމް މަލްހޯތުރާގެ އެބަންޑެންޝިއާ އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށްފައިވާ "ސުކީ" އެވެ.

މިފިލްމު ސިނަމާއަށް އަންނަނީ މިމަހުގެ 22 ގަ އެވެ.

މީގެ އިތުރުން ޝިލްޕާ އަންނަނީ ޑައިރެކްޓަރު ރޯހިތު ޝެޓީ އެމެޒޯން ޕްރައިމް ވީޑިއާއަށް ހާދަ "އިންޑިއަން ޕޮލިސް ފޯސް" މަސައްކަތް ކުރަމުންނެވެ. މިސީރިޒްގައި ޝިލްޕާގެ އިތުރުން ޒުވާން އެކްޓަރު ސިދާތު މަލްއުތުރާވެސް ފެނިގެންދާނެ އެވެ.

ސިދާތާ އެކީ މަސައްކަތްކުރަން ލިބުމުގެ ތަޖުރިބާއާ ބެހޭ ގޮތުން ޝިލްޕާ ބުނީ އޭނަ އަކީ "ފިލްމީ ނޫން" އެކަމަކު މަސައްކަތްތަށް ވަރަށް މޮޅު ތަރިއެއް ކަމަށެވެ.

ދެ ކުދިންގެ މަންމަ ޝިލްޕާ ބުނި ގޮތުގައި މިހާތަނަށް މަސައްކަތްކުރެވުނު އެކްޓަރުންގެ ތެރެއިން އެންމެ ކަމުދަނީ ގޯވިންދާ އެވެ.

ގޯވިންދާ އާއި ޝިލްޕާ އެކީގައި ދެ ފިލްމު ކުޅުނެވެ. އެއީ "ޕަރުދޭސީ ބާބޫ" އާއި "ޗޯޓޭ ސަރުކާރު" އެވެ.