މިއަހަރު އިންޑިއާ ގައުމީ ފިލްމު އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދި މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ "ޕުޝްޕާ" ގެ ދެވަނަ ބައި ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސައުތުގެ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ބައި ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 15 ގަ އެވެ. އެއީ އިންޑިއާގެ މިނިވަން ދުވަހު އެވެ. މިހާރު ވަނީ މިފިލްމުގެ ފަސްޓް ލުކް ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

"ޕުޝްޕާ: ދަ ރައިޒް" އަކީ 2021 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ޖުމްލަ 250 ކްރޯޑް ރުޕީސް (30.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް އާމްދަނީގެ ގޮތުގައި 373 ކްރޯޑް ރުޕީސް (45 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

އައްލޫއާ އެކީ މިފިލްމުގައި ބަތަލާގެ ރޯލު ފެނިގެން ގޮސްފައިވަނީ މިހާރު ބޮލީވުޑްގައިވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ ރަޝްމިކާ މަންދަނާ އެވެ. "ޕުޝްޕާ 2" އިން ވެސް އޭނަ ފެންނާނެ އެވެ.

"ޕުޝްޕާ 2" އަކީ އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. އަދި މިފިލްމު ދިހަ ބަހުރުވައި ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.