މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް އެމަނިކުފާނަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކު އުއްމީދުކުރި އެވެ. ސަބަބަކީ މާލޭގެ ރައްޔިތުންނަށް ނުފެނުނު ނަމަވެސް އެމަނިކުފާނުގެ ތަރައްގީ ވަރަށް ގިނަ ރަށްރަށުން ފެންނަން ހުރުމުންނެވެ. އެކަމަކު ނަތީޖާ ލިބުނު އިރު މުޅިން ތަފާތެވެ.
ސަރުކާރަށް ތާއީދު ބޮޑުކުރަން އެތައް ކަމެއް ވޭތުވެދިޔަ ދުވަސްތަކުގައި ކޮށްފި އެވެ. ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި އެވެ. ސިވިލް ސާވަންޓުންގެ މުސާރަ ޖެނުއަރީގައި ބޮޑުކުރާނެކަން ވަނީ އިއުލާންކޮށްފަ އެވެ. ސާޅީސް އަހަރަށް ފަހު މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފި އެވެ. އެތައް ހާސް ބަޔަކަށް ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ދީފި އެވެ. ހިލޭ ޑިގްރީގެ ދަށުން 18،000 އަށް ވުރެ ގިނަ މީހުންނަށް ކިޔަވައިދީފި އެވެ. ސަތޭކަ ހަތާވީސް ރަށަށް އެމްބިއުލެންސް ފޮނުވައިދީ އެވެ. މީގެ އިތުރުން 141 ފަށުގައި ފެނާއި ނަރުދަމާ އަޅައިދީ 125 ރަށުގައި ބަނދަރު ހަދައިދީފި އެވެ. އެތައް ރަށެއްގައި އާ އިންޖީނުގެ އަޅައިފި އެވެ.
ވަކިވަކި ސިޓީތަކަށް ބަލާއިރު މާލޭ މީހުންނަށް ދިން ގޯތިތަކުގެ އިތުރުން ވިލިމާލެ ބްރިޖުގެ މަސައްކަތް ފަށައިފި އެވެ. ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އެކަމަކު މާލޭ ސިޓީން ވެސް ރައީސް ސޯލިހަކަށް މެޖޯރިޓީއެއް ނުލިބުނެވެ.
ފުވައްމުލަކުގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ރާއްޖޭގެ ރަށެއްގައި ދުވަހަކު ވެސް ނުހިންގާ ވަރުގެ ބޮޑު މަޝްރޫއެއް ދަނީ ކުރިއަށެވެ. އެރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައިދީފި އެވެ. އެކަމަކު ފުވައްމުލައް ސިޓީން ވެސް ރައީސް ސޯލިހަކަށް މެޖޯރިޓީއެއް ނުލިބުނެވެ.
ކުޅުދުއްފުށީގައި ކުރިން އަޅައިދޭން ބުނި 400 ހައުސިން ޔުނިޓުގެ އިތުރުން 1،000 ހައުސިން ޔުނިޓް އަޅައިދޭން އެއްބަސްވުން ވަނީ ހަދައިފަ އެވެ. ކުޅުދުއްފުށީ މަގުތައް ވެސް ހަދައިދީފި އެވެ. އެކަމަކު ކުޅުދުއްފުށި ސިޓީން ވެސް ރައީސް ސޯލިހަކަށް މެޖޯރިޓީއެއް ނުލިބުނެވެ.
ތިނަދޫގެ ރަށްޔިތުން އެންމެ ބޭނުންވެފައި ތިބި ސިޓީއެއްގެ ދަރަޖަ އެރަށަށް ދީފި އެވެ. އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި ކުރިން ބެލެވުނު ތިނަދޫ އަށް އުމްރާނީ ތަރައްގީގެ އެތައް ކަމެއް ކޮށްދީފި އެވެ. އެކަމަކު ތިނަދޫ ސިޓީން ވެސް ރައީސް ސޯލިހަކަށް މެޖޯރިޓީއެއް ނުލިބުނެވެ.
އައްޑޫ ރައްޔިތުން މި ހުރިހާ ދުވަހު އުފުލި އެންމެ ބޮޑު ވޭންކަމަށްވާ ކިސަޑު މަގުތައް ތާރު މަގުތަކަށް ބަދަލުކޮށްދީ އެވެ. އައްޑޫގައި 125 ކިލޯ މީޓަރުގެ މަގު ހަދައިދީފި އެވެ. ސަތޭކަ ނުވަދިހަ ހެކްޓަރުގެ ބިން ހިއްކައިދީފި އެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް އަމާޒުކޮށްގެން ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މުޅިން އަލަށް ތިން ރިސޯޓް ވުޖޫދަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ. ހަންކެޑަ ރިސޯޓުގެ މަސައްކަތް ޗައިނާ ބަޔަކާ ހަވާލުކޮށް ފަށައިފި އެވެ. އެކަމަކު އައްޑޫ ސިޓީން ރައީސް ސޯލިހަކަށް މެޖޯރިޓީ ލިބުނީ ކިރިޔަ ކިރިޔާ އެވެ.
ކެމްޕޭނުގައި ފެނުނު މަންޒަރުތަކާ ޚިލާފަށް ނަތީޖާ ނުކުތީ ކީއްވެބާވަ އެވެ؟ އެމްޑީޕީން ހަމަ ޔަގީނުން ވެސް ވަނީ ދިރާސާތަކެއް ހަދާފައިކަން ޔަގީނެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި އެންމެ ބޮޑު އެއް ސަބަބަކީ ވޯޓުލާން ނުކުތް މީހުން މަދުވުމެވެ. މި އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދު 79 ޕަސެންޓުގައި އުޅޭ އިރު މިއީ އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލީ ފަހަރެވެ. މީހުން ވޯޓުލާން ނުނިކުތުގައި ހުރި ސަބަބުތަކަކީ ކޮބައިތޯ އެވެ. ރާއްޖޭގެ ސިޔާސީ ކަންކަމާ މެދު ރައްޔިތުން މާޔޫސްވީ ބާވަ އެވެ؟ ބައެއް ބޭފުޅުން ވިދާޅުވަނީ 4 ޖަހާއިރު ވޯޓު ފޮށި ބަންދުވާތީ ބައެއް މީހުންނަށް ވޯޓުލާން ނުދެވުނީ ކަމަށެވެ. އެކަމަކު 4 ޖަހާއިރު ވޯޓު ފޮށި ބަންދުވާކަން އެނގުނީ ކުއްލިއަކަށް ނޫނެއް ނޫންތޯ އެވެ. މާކުރިން ސުރެ އިލެކްޝަންސް އިން އެކަން ވަނީ އަންގައި އިއުލާންކޮށްފަ އެވެ. އެހެންވެ ވޯޓުލާން ބޭނުން މީހަކު ވިއްޔާ އެ ގަޑީގެ ކުރިން ކިޔޫ އަށް އަރާނެ އެވެ.
އަނެއް ސަބަބެއް ކަމަށް ދައްކަނީ ވޯޓުލާން މީހުން ނެރުމަށް ކުރިން ކުރި ވަރަށް މަސައްކަތް ނުކުރެވުނީ ކަމަށެވެ.
ކޮންމެ ސަބަބެއް ވިޔަސް އެއްބުރުން އެމްޑީޕީ އަށް އިންތިޚާބު ނުނެގުމާއި ފުރަތަމަ ބުރުގައި ފަނަރަވަރަކަށް ހާހުގެ ތަފާތަކުން ދެވަނަ އަށް ދިއުމުގައި ސަބަބުތަކެއް ހުންނާނެ އެވެ. އެފަދަ ބައެއް ސަބަބުތައް ރައީސް ސޯލިހު ވެސް އިއްޔެ ވަނީ ވިދާޅުވެ ދެއްވައިފަ އެވެ. އެއްކަމަކީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭކަމާއި ކަނޑު ވިއްކާލި ކަމަށް އިދިކޮޅު މީހުން ދެއްކި ވާހަކަތަކަށް އެކަށީގެންވާ ގޮތެއްގައި ރައްދުދީ ހަގީގަތް ހާމަކޮށްދެވިފައި ނެތުމެވެ. ރައީސް ވިދާޅުވެފައި ވަނީ ދެވަނަ ބުރަކަށް ދާއިރު އެކަންކަން ރަނގަޅުކޮށް ތެދު ހާމަކުރައްވާނެ ކަމަށެވެ. އެގޮތަށް ރޭ ވަނީ ބައެއް ކަންކަން ހާމަކޮށްފަ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ޓީވީ އަށް އަރައިވަޑައިގެން ވަނީ "އަސްކަރީ ބޭނުމަކަށް" އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެކަން ސާފުކޮށްދެއްވައިފަ އެވެ. އަދި ދިވެހި ސިފައިންގެ ބާރު ނުހިނގާ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ނުހުންނާނެކަމުގެ ޔަގީންކަން ވަނީ ދެއްވައިފަ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި ސިޓީގައި ކަނޑު ވިއްކާލި ވާހަކަ އޮތް ކަމަށް ބުނެ އިދިކޮޅުން ކެމްޕޭނުގައި ވަނީ އެ ވާހަކަތައް ވަރަށް ގަދައަށް ދައްކައިފަ އެވެ. އެކަމަކު ކުރިން އާއްމު ނުކުރަން ސަރުކާރުން ވަރު ދެއްކި ސިޓީ ރޭ ވަނީ "ލީކު"ވެފަ އެވެ. ކަނޑު ވިއްކާލިކަމުގެ ވާހަކައެއް އެ ސިޓީއަކު ނެތެވެ.
މިކަންކަމުގެ އިތުރުން ރައީސް ސޯލިހަށް ވޯޓު މަދުވުމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުހައްމަދު އަސްލަމުގެ ދައުރު އޮތް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ކުދިކުދި މިސާލު ތަކެކެވެ. ކުރީގެ ސަރުކާރުން ނިންމާފައި ހުރި ހިޔާ ފްލެޓްތައް ހަވާލު ކުރުމުގައި ހޭދަވެގެން ދިޔަ ދިގު މުއްދަތެވެ. ވިނަރެސް ފްލެޓް ހަވާލުކުރަން ނެގި ދިގު މުއްދަތެވެ. އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފުރަތަމަ ކޮޅުގައި ދިޔަލެއް ލަސްވުމެވެ. (އާރުޑީސީން އެ މަސައްކަތް ކުރި ނަމަވެސް މަސައްކަތުގެ ބަލަދުވެރި ފަރާތަކީ ހައުސިން މިނިސްޓްރީ އެވެ.) މި ސަރުކާރުގެ ބޮލުގައި "ސްލޯ"ގެ އިލްޒާމު އެޅުނީ ވެސް ހައުސިން އަދި ނޭޝަނަލް ޕްލޭނިން މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅެއްގެ ސަބަބުންނެވެ. ރަށްރަށުގައި ފެނާއި ނަރުދަމާ އާއި ބަނދަރާއި މަގު ހެދުމާއި ބިން ހިއްކުމުގެ އެތައް މަޝްރޫއެއް ކުރިއަށް ދިޔަ ނަމަވެސް އެ މަސައްކަތުގެ ސްޕީޑް ސްލޯ ކަމަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ހައުސިން މިނިސްޓްރީން ރައްދު ދީފައެއް ނުވެ އެވެ.
މި ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ތަރައްގީގެ އެއް މަޝްރޫއު ކަމަށްވާ ވިލިމާލެ ބްރިޖު ވެސް އެ ދަނީ ތާރީޚަށް ނުނިމި ދިގުލައިގެންނެވެ. އެންމެ ފުރަތަމަ މިދިޔަ ޖުލައިގައި ވިލިމާލޭއާ ބްރިޖު ގުޅާލާނެ ކަމަށް ބުންޏެވެ. ދެން އޮގަސްޓެވެ. އިންތިޚާބު ނިމުނު އިރު ވެސް އެކަމެއް ނުވި އެވެ. ބްރިޖާ ބެހޭ މައުލޫމާތު އާއްމުކުރުމުގައި ހައުސިން މިނިސްޓްރީ ހަމަ ސުމެކެވެ.
ސިނަ މާލެ ބްރިޖު ހެދި އިރު ސައިޓަށް ނޫސްވެރިން ގެންގޮސް މަސައްކަތް ދެއްކުމަކީ ވަރަށް އާއްމު ކަމެކެވެ. ހައުސިން މިނިސްޓަރު ސައިޓުގައި ހުންނަވައިގެން މައުލޫމާތު ދެއްވަ އެވެ. ވަރަށް އަޕްޑޭޓެވެ. ދެހާސް އަށާރައިގެ އިންތިޚާބުގެ ކުރިން ސިނަމާލެ ބްރިޖް ނިންމާ އާއްމުންނަށް ހުޅުވާލި އެވެ. ބޮޑު ތަނުން އެ ސަރުކާރުން އެކަމުގައި ކާމިޔާބު ހޯދި އެވެ.
އެކަަމަކު ވިލިމާލެ ބްރިޖުގެ ސައިޓުގައި ހުންނަވައިގެން ހައުސިން މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތެއް ދިންކަން ދެނެހުރި މީހަކު ހުރިހެން ހިޔެއް ނުވެ އެވެ. އޭގެ އިތުރުން ބައެއް މަޝްރޫއުތަކާ ބެހޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަ އަސްލަމް ދައްކާ ކަމަށް ވެސް ބައެއް މީހުން ގަބޫލްކުރެ އެވެ. އެތައް ހާސް ބަޔަކު ދިރިއުޅޭ ހިޔާ ފްލެޓްތައް ތަޅާލާނެ ކަމަށް އަސްލަމް ވިދާޅުވުމަކީ ވެސް އޭނާ އަށް އެތައް ބައެއްގެ ނުރުހުން އަމާޒުވި ކަމެކެވެ. ހިޔާ ސަރަހައްދަކީ އައްޑޫ އަށް ވުރެ މިހާރު އާބާދީ ބޮޑު ތަނެކެވެ.
މާލޭން ގޯތި ދޫކުރުގައި ވެސް ހައުސިން މިނިސްޓްރީ އަށް އެތައް ތުހުމަތެއް ކުރި އެވެ. ދައުރު ނިމޭއިރު މާލޭގެ ރައްޔިތުން އެންމެ ފްލެޓަކަށް ވެއްދިފައި ނުވުމަކީ ވެސް ހައުސިން މިނިސްޓްރީގެ ނުކުޅެދުމެކެވެ. މި ސަރުކާރުގެ ފަސް އަހަރު ނމޭއިރު އެންމެ ޓަވަރެއް ވެސް އަދި ނިންމިފައެއް ނުވެ އެވެ. މިފަދަ އެތައް ސަބަބަކާ ހުރެ ރައީސް ސޯލިހަށް ވޯޓު މަދުވުމުގައި ހައުސިން މިނިސްޓަރު އަސްލަމްގެ ދައުރު އޮތްކަން އެތައް ގޮތަކުން އެނގެ އެވެ.
ބައެއް މީހުންގެ ނަޒަރުގައި ރައީސްގެ ރަނިން މޭޓަކަށް ނެންގެވި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމްގެ ސަބަބުން ވެސް ރައީސަށް ލިބޭނެ ކަމަށް ބެލެވޭ އެތައް ވޯޓެއް ވަނީ މުޅި ރާއްޖޭން މަދުވެފަ އެވެ. އައްޑޫގައި މާކުރިން އަސްލަމް މަގްބޫލް ވިޔަސް މިހާރު އޭނާގެ ތާއީދު އައްޑޫން ގެއްލޭކަން ހިސާބުތަކުން ހާމަވެ އެވެ. އެހެންވެ އައްޑޫ އަސްލަމަކީ ރާއްޖޭގައި ސިޔާސީ ގޮތުން އެހާ މަގްބޫލް މީހެއް ނޫނެވެ. އޭގެ ބަދަލުގައި ރައީސްގެ މިހާރުގެ ރަނިން މޭޓް ފައިސަލް ނަސީމް ވަނީ އެމަނިކުފާނުގެ ވަފާތެރިކަމުގެ ސަބަބުން އެތައް ދިވެހިންގެ ލޯބި ހޯއްދަވައިފަ އެވެ. ފައިސަލް ހުންނެވި ނަމަ ފުވައްމަލަކުން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ފައިސަލް ދޫކޮށްލުމާ އެކު އެމަނިކުފާނު ވެސް ކުރިން ހުންނެވި އިންތިޚާބީ ސިޔާސީ ފޯރި ކެނޑި ފުވައްމުލަކު މީހުން ވެސް މާޔޫސްވީ އެވެ. ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގެ މީހުން ވެސް ރައީސަށް ވޯޓުލާން މާޔޫސްވި ސަބަބެއް ކަމަށް އެ އެ ނިންމުން ބެލެވެ އެވެ. ސަބަބަކީ އަސްލަމަށް ވުރެ މުޅި ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި ތާއީދު އަދި މަގްބޫލްކަން ފައިސަލް އަށް ބޮޑުވެފައިވާތީ އެވެ.
ރައީސްގެ ރަނިން މޭޓަކަށް އަސްލަމް ނެންގެވީ އައްޑޫ މީހަކު ކޮންމެހެން ނަގަން ޖެހިގެން ކަމަށް ބެލެވެ އެވެ. އެއީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކީ އައްޑޫ މީހަކަށްވެފައި އެމްްއެންޕީގެ ރަނިން މޭޓަކީ އައްޑޫ މީހަކަށް ވުމުން މާލެ ފިޔަވައި އެންމެ ބޮޑު އާބާދީގެ ތާއީދު ރައީސަށް މުހިންމުވާނެތީ އެވެ. އެކަމަކު އައްޑޫ މީހަކު ލައިގެން އެ ތާއީދެއް ރައީސަކަށް ނުލިބުނެވެ. އެންމެ ފަހުން ބޭއްވި މަޖިލީސް އިންތިޚާބުގައި ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވައިގެން އަސްލަމް ހޮވިވަޑައިގެންނެވީ ވޯޓުގެ 40 ޕަސެންޓާ އެކު 1،085 ވޯޓުންނެވެ. އެކަމަކު އައްޑޫގެ އެހެން ދާއިރާތަކަށް މަޖިލީހަށް އެމްޑީޕީގެ މެންބަރުން އިންތިޚާބުވެފައި ވަނީ އަސްލަމަށް ވުރެ މާމަތީ ޕަސެންޓޭޖަކުން ކާމިޔާބުކޮށްގެންނެވެ. އެހެންވެ އިރެއްގައި އަސްލަކަށް އައްޑޫގައި ތާއީދު ބޮޑު ނަމަވެސް ފަހުގެ ހިސާބުތަކުން އެކަން ވަނީ ބަދަލުވެފަ އެވެ. އޭގެ ހެއްކަކީ ރަނިން މޭޓަކަށް، ސިޔާސީ ތަޖްރިބާ ބޮޑަސް، އަސްލަމް ލައްވައިގެން އައްޑޫން ބޮޑު ތަފާތެއް ދެއްކިފައި ނުވުމެވެ.
ރައީސް އަށް ވޯޓު މަދުވުމުގެ އަނެއް ސަބަބީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމާއި ރާއްޖޭގެ މިނިވަންކަން ގެއްލި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ދަނީ ކަމަށް ބުނެ، އާއްމުންނަށް ގަބޫލް ކުރެވޭ ދަރަޖަކަށް އިދިކޮޅު އެ ވާހަކަތައް ދެއްކުމެވެ. އެކަމަކުގެ ހަގީގަތް ހާމަކުރުމުގައި ސަރުކާރުން ފެއިލްވެފައިވުމެވެ. އިންޑިއާގެ ދަރަނީގައި ރާއްޖެ ޖެހި އިންޑިއާ އަށް ބަރޯސާވެފައިވާ މިންވަރުގެ ދިފާއުގައި ސަރުކާރުން ވާހަކަ ދެއްކުނުލެއް މަދުވުމެވެ. ޗާގޯސް މައްސަލާގައި ރާއްޖޭގެ ދެކުނުން ކަނޑުގެ ބައެއް ދޫކޮށްލުން ކަމަށް (އިދިކޮޅުން ބުނާ ގޮތުން ވިއްކާލި ކަމަށް) ބުނާ ވާހަކައިގެ ހަގީގަތް ހާމަކޮށްދެވިފައި ނެތުމަކީ ވެސް މައްސަލައެކެެވެ.
މީގެ އިތުރުން އެމްޑީޕީ ދެބައިވުމަކީ ވެސް ރައީސް ސޯލިހަށް ވޯޓު މަދުވުމުގެ އެއް ސަބަބެވެ. ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވި 15 ވަރަކަށް ހާސް ވޯޓަކީ ޔަގީނުން ވެސް އެމްޑީޕީ ފިކުރުގެ މީހުންގެ ވޯޓެވެ.
އެކި މީހުންގެ ވިސްނުން ތަފާތުވެދާނެ އެވެ. އެކަމަކު މިއިން ކޮންމެ ކަމަކީ ވެސް ވޯޓަށް އަސަރު ކުރާނެ ކަންކަމެވެ.
ތައުލީމީ ގޮތުން އެންމެ ދަށް މީހަކަށް ވުމާއި އަސްލަންޓޭ އަތުގައި ވެސް ޑިގުރީ ގަނޑެއް ވެސް ނެތުމަކީ ތައުލީމީ މީހުން ވޯޓު ނުދިން ސަބަބެއް. އިބޫ ލަދުގަންނަން ޖެހޭނެ ޑރ. މުއިއްޒު ފަދަ ތައުލީމީ ގާބިލު ކެންޑިޑޭޓަކާ ވާދަކުރަނީ ވެސް. ލަދު ނުގަންނަ މީހާ ކޮންމެ ކަމެއް ވެސް ކުރާނެ.
ހެލްތު ސެކްޓަރގެ އޮނިގަނޑު އޮޅުވާލީތީ ވޯޓު ނުދިނީ. ގިނަމުވައްޒަފުންނަށް ލިބޭ މުސާރަ ކުޑަވި. ސެޓްފިކެޓް ލެވެލް އަށް މުސާރަ ނުދިން
މިގައުމުގަ ހުރި ރައީސަކީ މަވެތި މީހަކަށް ވެގެން އުޅުނުކަން، ފާހަގަކޮށްބަލާ، އެންމެކުޑަވެގެން އިންތިޚާބާދިމަކޮށް ޕާޓީގަނޑު ވެސް ފުނޑާލީ ބުނަމުންދިޔައީ ވެސް ރނަޝީދު ނުލާވެސް އެއްބުރުން ކާމިޔާބުކުރާނެކަމަށް، ފޯމިއުލާ އޮތްކަމަށް، މަށަކީ އެންމެ ގިނަ މީހުން ގޮވައިގެން ކޯލިސަން ގޮވައިގެން އުޅެން އެނގުނު މީހާ ކަމަށް. މީރު އެއުޅޭ އިމުރާނު ފިޔަވާ ހުރިހާ މީހުން ކޯލިސަނުން ވަކިވެެއްޖެ، މިހެންގޮސް އަމިއްލަޔަށް މަށަށް މަފެނިފާހުންނެވި ބޭކަލެއް ރ އިބުރާހިމަކީ، އިބުރާހިމް މިހާރު އެހުންނެވީ ހިލައިންޖެހި ބެއަށްވެ
ވަރަށް ރަނގަޅު ހަގީގަތާއި އެއްގޮތައް ލިޔެފައިވާ ލިޔުމެއް.