މޮރޮކޯ އަށް އައި ބާރުގަދަ ބިން ހެލުމާ ގުޅިގެން 2،800 މީހުން މަރުވެފައިވާކަން މިހާތަނަށް ޔަގީންވެފައިވާ އިރު އިތުރު މީހުން ދިރި ތިއްބާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ފަނޑުވާން ފަށައިފި އެވެ.

ވީރާނާވެފައިވާ އަވަށްތަކުގެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ މީހުނަށް މިހާތަނަށް ޖެހިފައި ވަނީ ވަގުތާ ދެކޮޅަށް ހަނގުރާމަ ކުރާށެވެ.

މީހުން ސަލާމަތް ކުރުމަށް މަސައްކަތްކުރާ މޮރޮކޯގެ ޓީމުތަކާ އެކު ސްޕޭނާއި އިނގިރޭސި ވިލާތާއި ގަތަރުގެ ޓީމުތަކުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެ ފަރާތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ މިންވަރަށް ސާމާނު ނެތުމެވެ.

ރިޕޯޓުތައް ބުނާ ގޮތުން މޮރޮކޯގެ ގަދީމީ ބައެއް އަވަށްތައް ވަނީ ބިން ހެލުމުގެ ސަބަބުން އެއްކޮށް ވީރާނާވެފަ އެވެ. އޭގެ ތެރޭގައި ޔުނެސްކޯ އިން ވޯލްޑް ހެރިޓޭޖް ސައިޓުތައް ކަމުގައި ހިމަނައިފައިވާ ތަންތަން ވެސްވެ އެވެ.

ސްޕެނިޝް ރެސްކިއު ޓީމުން ބުނި ގޮތުގައި ބިން ހެލުމުގެ އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެ ހިސާބުގައި ގެދޮރު އަޅައިފައި ވަނީ މަށީގެ ގާތަކުން ކަމުގައިވެފައި އިމާރާތްތައް ވެއްޓޭ އިރު އެ ގާތައް ޗިސްވެގެން ދިއުމެވެ.

ރެސްކިއު މަސައްކަތް ކުރަމުންދާ ވަރަކަށް މަރުވެފައިވާ މީހުންގެ ލިސްޓު ދަނީ ދިގު ވަމުންނެވެ. މުޅި ހިސާބު ވިރާނާވެފައިވުމުގެ ސަބަބުން ބޯފެނާއި ކާބޯ ތަކެއްޗަށް ޖެހިފައިވާތީ އިތުރު ބަލިމަޑުކަމަކާ ކުރިމަތިވެ މަރުވާ މީހުންގެ އަދަލު މާ ބޮޑަށް ވެސް މައްޗަށް ހިނގައިދާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ.