އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުންގެ އަދަދު އިތުރުވުން ހުއްޓުވައި އަދި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި އަދަދަކަށް ގޮނޑި ހާއްސަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރުން އިލްޔާސް ލަބީބު ގާނުނު އަސާސީގެ 71 ވަނަ މާއްދާއަށް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔު މިއަދު އިއްވާފަ އެވެ.

އިލްޔާސް ހުށަހެޅުއްވި އިސްލާހަކީ ރާއްޖޭގެ އިދާރީ ދާއިރާތަކަށް ހާއްސަކުރެވޭ ޖުމްލަ 55 މެންބަރުންނާއި ހުރިހާ އިދާރީ ދާއިރާއެއް ތަމުސީލުވާނޭ ގޮތަށް އިންތިހާބު ކުރެވޭ އަށް އަންހެން މެންބަރުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާ ދެ މެންބަރުން އަދި މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުގެ މަތީން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެންބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ މެންބަރުގެ އަދަދު ކަނޑައެޅުމަށެވެ.

މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބެއް ކަމަށް އިލްޔާސް ވިދާޅުވީ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން ބަޖެޓުން މަޖިލީހަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވަމުން ދިޔުން ހުއްޓުވުން ކަމަށެވެ.

އިލްޔާސް ހުށަހެޅުއްވި ބިލް ފާސްވެއްޖެނަމަ އަންނަ އަހަރުގެ މަޖިލިސް އިންތިހާބު ބާއްވަންޖެހޭނީ ގާނޫނުއަސާސީއަށް ގެނެވޭ މި އިސްލާހާ އެއްގޮތަށެވެ.

ގާނޫނުއަސާސީގައި މިހާރު އޮންނަ ގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ ދާއިރާއަކަށް ދެ މެންބަރުން ކަނޑައަޅަން ޖެހޭނެ އެވެ. އަދި އިދާރީ ދާއިރާއެއްގައި 5،000 އަށް ވުރެ މީހުން އިތުރުވާ ނަމަ، ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ވާނެ ކަމަށްވެ އެވެ.

އެހެންކަމުން އާބާދީ އިތުރުވި ނިސްބަތަށް ބަލައި، މިދިޔަ ޖުލައި މަހު އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރީ 20 ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބުކުރަން ޖެހޭ ކަމަށެވެ.