މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ލިބުނު ވޯޓުތަކެއް ބާތިލް ކޮށްފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒުގެ ކެމްޕެއިން ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ލިބުނު ވޯޓުތަކެއް ބާތިލް ވޯޓުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެވޯޓުތަކަކީ މުއިއްޒުއަށް ލިބުނު ސައްހަ ވޯޓުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހަބުގައި ގިނަ ބާތިލް ވޯޓުތަކެއް ހުރިކަން ފާހަގަކުރައްވާ ތޮލާލް ވިދާޅުވީ އޭގެ ތެރެއިން މުއިއްޒުއަށް ވޯޓުލާފައިވާ ސައްހަ ވޯޓުތަކެއް އެއީ ބާތިލް ވޯޓުތަކެއްގެ ގޮތުގައި ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"ބާތިލް ނުވާ އެތައް ވޯޓެއް ވެސް ބާތިލްކޮށްފައި އެބަހުރި. ވަރަށް ގިނަ ބާތިލް ވޯޓު ހުރި އޭގެ ތެރޭގައި ކެންޑިޑޭޓް ނަމްބަރު 4 އަށް ފާހަގަ ޖަހާފައި ހުރި ވޯޓުތަކެއް ބާތިލްކޮށްފައިހުރި،" އޭނާ ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ބާތިލް ވޯޓު ގުނާފައި ވަނީ އެކިތަންތަނުގައި އެކޮގޮތަށް ކަމަށެވެ. ބާތިލް ނުވާ ވޯޓުތަކެއް ވެސް ބާތިލްކޮށްފައިވާ ކަމަށެވެ. އަދި ސައްހަ ވޯޓު ބާތިލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒުއަށް 101581 ވޯޓު ލިބިވަޑައިގެންނެވި އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ލިބިވަޑައިގެންނެވީ 86164 ވޯޓެވެ.