މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ 33 ކުންފުންޏެއްގެ 64 މަންދޫބުންނާއެކު "އައިޓީބީ ޗައިނާ 2023" ގައި ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި އިވެންޓަކީ ކޮވިޑް- 19 އަށްފަހު ޗައިނާގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް އިންޑަސްޓްރީގެ ފިޒިކަލް އިވެންޓް ކަމަށެވެ. އަދި ޗައިނާގެ ޝަންހާއީ ބޭއްވި އައިޓީބީ ޗާއިނާ ފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންޑަސްޓްރީގެ ގިނަ ތަޖުރިބާކާރުން ބައިވެރިވާ ފެއާއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއެމްޕީއާރުސީން ބުނިގޮތުގައި މިފެއާގައި މުހިންމު ސޯސް މާކެޓްތަކުގެ އޭޖެންޓުންނާއި ބަޔާސް ގުޅުން ބަދަހިކުރުމަށް ތަފާތު ނެޓްވޯކިން ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.

މި ފެއާގައި ވިޒިޓް މޯލްޑިވްސް ސްޓޭންޑް ފަރުމާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ތަމްސީލުކޮށްދޭ ގޮތަށް އެ ކުންފުނިން ބުނެ އެވެ.

"ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ޓްރެވަލް ޓްރޭޑާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތާއި ދިވެހި ކެލިގްރަފީ ބުކްމާކް ހެދުމުގެ ފުރުސަތާއި ދިވެހިރާއްޖޭގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ބެކްޑްރޮޕެއްގައި ލިބާހާއި ފޭލި އަނދެގެން ފޮޓޯ ނެގުމުގެ ފުރުސަތުތައް ހިމެނޭ،" އެމްއެމްޕީއާރުސީން ބުންޏެވެ.

ޗައިނާގައި ކުރިއަށް ދިޔަ އައިޓީބީ 2023 ފެއާގެ ތެރެއިން.. ފޮޓޯ: އެމްއެމްޕީއާރުސީ

މިފެއާގައި ވިޒިޓް މޯލްޑިވްސްގެ ވީބޯ އަދި ވީޗެޓް ސޯޝަލް މީޑިއާ ހެންޑްލްތައް މެދުވެރިކޮށް ޗައިނާ މާކެޓްގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް މި ފުރުސަތުގައި މި ޗެނަލްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްތައް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ވިޒިޓް މޯލްޑިވްސް އާއި އިންޑަސްޓްރީ ޕާޓްނަރުންނާ ބެހޭ މައުލޫމާތު ހިމެނޭ ޕްރެސް ޕެކްތަކާއި ޕްރޮމޯޝަނަލް މެޓީރިއަލްސް މެދުވެރިކޮށް ދިވެހިރާއްޖޭގެ މަޢުލޫމާތު ފޯރުކޮށްދީ ފެއާގެ ފަހު ދުވަހު ރެފްލްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ރާއްޖޭގެ ސްޓޭންޑަށް ޒިރާރަތްކުރާ ފަރާތަތަކުގެ ތެރެއިން ހޮވާލެވޭ ދެ ފަރާތަކަށް ދރާއްޖޭގައި ހިލޭ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެ މި ދެ ރެފްލް ސްޕޮންސާ ކޮށްފައިވަނީ ސްޓޭންޑަޑް ހުރަވަޅި މޯލްޑިވްސް އަދި ކިހާ މޯލްޑިވްސް އިންނެވެ.

އެމްއެމްޕީއާރުސީއަކީ މި އިވެންޓުގެ އައިލެންޑް ޓްރެވަލް ޕާޓްނަރު ކަމަށްވުމާއެކު އައިޓީބީ ޗައިނާ 2023 ގައި އިންތިޒާމް ކުރެވޭ 100 އޭޖެންޓުންގެ އެކްސްކްލޫސިވް ނެޓްވޯކިން ލަންޗަން ހޯސްޓްކޮށް ހާއްސަ ފުރުސަތެއް ލިބޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ހަރަކާތުގައި ޗައިނާގެ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކޮށް ގުޅުން ބަދަހިކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އަދި މީގެ އިތުރުން 80 ފަރާތަކުން ބައިވެރިވާ "ޕްރެޒެންޓޭޝަން ހަބް" ގައި އެމްއެމްޕީއާރުސީގެ ފަރާތުން ޕްރެސެންޓެޝަންމެދުވެރިކޮށް ދިވެހިރާއްޖެ އިތުރަށް ޕްރޮމޯޓްކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޗައިނާގައި ކުރިއަށް ދިޔަ އައިޓީބީ 2023 ފެއާގެ ތެރެއިން.. ފޮޓޯ: އެމްއެމްޕީއާރުސީ

ކޮވިޑް- 19 ގެ ކުރިން ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެންމެ ބޮޑު މާކެޓެވެ. ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމުގެ ސަބަބުން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް 18 ޖެނުއަރީ 2023 ގައި ވަނީ ފަށާފަ އެވެ.

އެމްއެމްޕީއާރުސީއިން ވަނީ ބޯޑަރު ބަންދުކޮށްފައިވާ ދުވަސްވަރު ވެސް މާކެޓިންގެ އެކި ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް ޗައިނާގައި ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް ދަމަހައްޓާފަ އެވެ.

ޗައިނާގައި ކުރިއަށް ދިޔަ އައިޓީބީ 2023 ފެއާގެ ތެރެއިން.. ފޮޓޯ: އެމްއެމްޕީއާރުސީ

ސެޕްޓެންބަރު މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ޗައިނާއިން ޖުމްލަ 123,824 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައި އެވެ. މިގޮތުން ޗައިނާއަކީ މިހާރު ދިވެހިރާއްޖެއަށް ތިންވަނައަށް އެންމެ ބޮޑު ސޯސް މާކެޓެވެ. އަދި ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.