އެޕަލް ކުންފުނީގެ ފްލެގްޝިޕް ޕްރޮޑަކްޓް ކަމަށްވާ އައިފޯންގެ ފަނަރަ ވަނަ ސީރީޒްގެ މޮޑެލްތައް އެ ކުންފުނިން އާއްމުންނަށް ދައްކާލައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ކެލިފޯނިއާގައި ބޭއްވި ހަފްލާއެއްގައި އެޕަލްއިން ވަނީ އައިފޯން 15ގެ ހަތަރު މޮޑެލްއެއް ދައްކާލާފަ އެވެ. އެއީ އައިފޯން 15، 15 ޕްލަސް، 15 ޕްރޯ އަދި 15 ޕްރޯ މެކްސް އެވެ.

އަލަށް ދައްކާލި އައިފޯން ތަކުގައި ކެމެރާ ފީޗާސް ރަނގަޅުވުމުގެ އިތުރުން ފާހަގަ ކޮށްލެވޭ އިތުރު ކަންކަމުގެ ތެރޭގައި ޕްރޮސެސާ އަވަސް ވުމާއި ޗާޖިން ސިސްޓަމް އަވަސްވުން ހިމެނެ އެވެ.

ތަފާތު ފަސް ކުލަޔަކުން އައިފޯން 15 ލިބެން ހުންނާނެ އެވެ. އެއީ ކަޅުކުލައާއި ހުދުކުލައާއި ނޫކުލައާއި ފިޔާތޮށިކުލަ އަދި ރީނދޫ ކުލަ އެވެ.

އާ އައިފޯންގެ މޮޑެލްތައް ޕްރީ އޯޑަރަށް މިހާރު ހުޅުވާލާފައިވާއިރު ބާޒާރަށް ނެރެން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

އައފޯން 15 ދައްކާލާފައިވާއިރު އެ ފޯނާމެދު އިންވެސްޓަރުން އެހާ ހިތްހަމަ ޖެހިފައިނުވާ ކަމަށް ހަބަރުތައް ބުނެ އެވެ. ނަތީޖާއެއްގެ ގޮތުން އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ދެ ޕަސެންޓް ދަށްވެފަ އެވެ.

އައިފޯން 15ގެ މޮޑެލްތަކުގެ އަގު އުޅެނީ 799 ޑޮލަރާއި 1199 ޑޮލަރާ ދެމެދުގަ އެވެ.