ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ރައީސް އޮފީހުގައި ކުޑަ ޑެސްކެއް ބަހައްޓައިގެން ވައްކަން ކުރަން ރަވަމުން ދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ރައީސް އޮފީހުން ދޮގު ކޮށްފި އެވެ.

ރޭ އާޓިފިޝަލް ބީޗްގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ރައީސް އޮފީހުން ބޮޑު ވައްކަމެއް ކުރަންރާވާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް އޮފީހުން ރަވައިގެން ޑރ. މުއިއްޒުއަށް ވޯޓުލާ 8،000 އެއްހާ މީހުންގެ ރަޖިސްޓްރޭޝަން އެހެން ތަންތަނަށް ބަދަލުކުރުމަށް ރާވަމުންދާ ކަމަށެވެ.

ރައީސް އޮފީހުގައި ކުޑަ ޑެސްކެއް ބަހައްޓައިގެން ބޮޑު ވައްކަމެއް ކުރަން ރާވާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

އެވާހަކަތައް ރައީސް އޮފީހުން މިއަދު ވަނީ ދޮގުކޮށްފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ރައީސް އޮފީސް ތެރޭގައި އެފަދަ އެއްވެސް ކަމެއް ނުހިނގާކަމުގެ ޔަގީންކަން މިއުވާން ވަނީ ދެއްވާފަ އެވެ.

މިއުވާން ވިދާޅުވީ ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ފަތުރާ މިފަދަ ވާހަކަތަކާމެދު ސަމާލުވެ ތިބުމަށް އެދޭ ކަމަށެވެ.