ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި އިއްޔެ އެކަނި ވެސް 9،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ- ރަޖިސްޓާ ވުމަށް އިއްޔެ 9،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 7،000 އަށް ވުރެ ގިނަ ފޯމް ލިބިފައި ވަނީ އޮންލައިންކޮށް ކަމަށް ހަބީބް ވިދާޅުވި އެވެ.
މީގެ އިތުރުން ހަބީބު ވިދާޅުވީ ރީ- ރަޖިސްޓާކުރުމަށް އެއްފަހަރާ ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން ގެންދާ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން އީސީގެ ފޯނު ނަންބަރަކުން ފޯމު ހުށަހަޅާ މީހުންނަށް ގުޅާނެ ކަމަށެވެ. އެގޮތަށް އަމަލުކުރަން ފެށީ އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި ފޯމު ހުށަހަޅާ ކަމުގެ ޝަކުވާ ބޮޑުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 15 އިން 17 ގެ ނިޔަލަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.
ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގެ ވޯޓުން 46 ޕަސަންޓް ލިބިވަޑައިގެންނެވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި 39 ޕަސަންޓް ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.