މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކާ މެދު ޖުމްހޫރީ ޕާޓީން ގޮތެއް ނިންމަން ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އަލީ އާރިފް އިސްތިއުފާ ދެއްވައިފި އެވެ.

ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ. ކައުންސިލް ބައްދަލުވުމަށް ފަހު އަލީ އާރިފް ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވައިފަ އެވެ.

އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ޖޭޕީން ނާރަން ނިންމި އިރު އަލީ އާރިފަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ވަނީ ގާސިމާ ބައްދަލުކޮށްފަ އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ބައްދަލުކުރެއްވީ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފެވެ.

އެމްޑީޕީގެ ފަރާތުން ބައްދަލުކުރެއްވީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ވަނީ ގާސިމްއާ ބައްދަލުކުރެއްވުމަށް ދެ ދުވަސް ވަންދެން ސަން އައިލެންޑްގައި މަޑުކުރައްވައިފަ އެވެ.