ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވާއިރު މިހާތަނަށް 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 3:00 އިން ފެށިގެން މިއަދުގެ މެންދުރުފަހު 3:00 އަށެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހުކުރު ދުވަހު އެކަނިވެސް 9،206 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން 7،267 ފޯމު ހުށަހަޅާފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އަދި ހޮނިހިރު ދުވަހު ރީ-ރަޖިސްޓްރީ ކުރަން 16،287 ފޯމް ހުށަހެޅިއިރު މީގެތެރެއިން 11،082 ފޯމް ހުށަހަޅާފައި ވަނީ އޮންލައިންކޮށް ކަމަށް ހަބީބު ވިދާޅުވި އެވެ. އެހެންކަމުން މިހާތަނަށް ރީ-ރަޖިސްޓްރީ ކުރުމަށް އޮންލައިންކޮށް އެކަނިވެސް 18،349 ފޯމް ވަނީ އިލެކްޝަނަށް ހުށަހަޅާފައި ކަމަށް ހަބީބު ވިދާޅުވި އެވެ.

ރީ-ރަޖިސްޓަރީ ކުރަން، ދެވަނަ ބުރުގައި ހުށަހެޅި ފޯމުތަކުން، އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1,546 ފޯމު ރިޖެކްޓްވެފައިވާ ކަމަށާއި ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ. ‏އަދި އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިން ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މުޅިން ނުނިމޭތީ ކަމަށާއި ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވަނީ މިއަދުގެ ހަވީރު 4:00 ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފި ނަމަ، ގަބޫލުކުރާނެ ކަމަށާއި އެކަމަކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދެން އެ ފުރުސަތު ލިބުމަކީ ނާދިރުކަމެއްކަން ހަނދާން ކޮށްދެއްވައިފަ އެވެ.

އިންތިޚާބުގެ ދެވަނަބުރުގައި 282،803 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެ އެވެ. އޭގެތެރެއިން 408 މީހުންނަކީ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް 18 އަހަރު ފުރޭ ޒުވާނުންނެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.