މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމީހަކު ވޯޓު ލުމަށް ރަޖިސްޓްރީވެފައިވަނީ ރަނގަޅު ތަނަކަށް ކަން ކަށަވަރުކުރުމާއި، އެމީހަކު ވޯޓުލާންޖެހޭ ވޯޓުފޮށި ހުރިތަން ދެނެގަތުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިލްތިމާސްކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތުގެ ތެރޭގައި އާދަޔާއި ޚިލާފަށް ގިނަ އަދަދެއްގެ ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ ފޯމު ތަކުގެ ތެރޭގައި ބައެއް ފަރާތްތަކަށް އެނގުމެއް ނެތި އެފަރާތްތަކުގެ ނަމުގައި ފޯމު ހުށަހަޅާ އެފަރާތްތައް ވޯޓުލާތަން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައިވާ ކަމަށް ވެސް ޕީޕީއެމް/ޕީއެންސީން ބުނެ އެވެ.

އެހެންކަމުން، ހުށަހެޅޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަން ކަށަވަރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ. އަދި އެބޭފުޅަކު ރަޖިސްޓްރީވެފައިވާ ފޮށިތައް އިއުލާނުކޮށް ޝަކުވާއަށް ހުޅުވާލެވޭ މުއްދަތުގައި، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅަކު ރަޖިސްޓްރީވެފައި ވަނީ ރަނގަޅު ފޮށީގައިކަން ޔަގީން ކުރުމުގެ ގޮތުން އެކަން ބަލާ ޗެކުކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެކޮލިޝަނުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން ބައެއް ބޭފުޅުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ފޮށި ހުރިތަން ބަދަލުވެފައިވާކަން ވެސް ފާހަގަވާތީ، ކޮންމެ ބޭފުޅަކު ވެސް އެބޭފުޅަކު ވޯޓުލާ ފޮށި ހުރި ތަން ޗެކުކުރަން ވެސް ޕީޕީއެމް/ޕީއެންސީން ވަނީ އެދިފަ އެވެ.

މީގެ އިތުރުން މިބަޔާނުގައި ވަނީ، އައިޑީކާޑު ގަތުމަށް އެކި ބޭފުޅުންނަށް ގުޅުއްވާ ފައިސާ ހުށަހަޅަމުން ގެންދާ ކަމަށް ބުނެ އެކަމަށް ސަމާލުވުމަށް އެދިފަ އެވެ. އަދި އެފަދަ ކަމެއްގައި ޕީޕީއެމް ޕީއެންސީ ގެ ނަން ބޭނުންކުރި ނަމަވެސް އެއްވެސް ފަރާތަކުން އެކަން ގަބޫލުނުކުރުމަށް ވަނީ އެދިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 25،493 މީހުން ހުށަހަޅާފައިވާ ކަމަށެވެ.