ދީޕިކާ ޕަދުކޯންއާއި ޕްރިޔަންކާ ޗޯޕްރާއަކީ މިހާރު ބޮލީވުޑްގެ އެންމެ ފުންނާބު އުސް ފަންނާނުންގެ ތެރޭގައި ހިމެނޭ ދެ ތަރިންނެވެ. އެ ދެތަރިންގެ މެދުގައި އެކަކަށްވުރެ އަނެކަކު ކުރިއެރުމަށް ވާދަވެރިކަން އޮންނަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އެގޮތުން މިފަހުން ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނި ބަހަކީ ޕްރިޔަންކާއަށް އަމާޒުކޮށް ބުނި ބަހެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ދީޕިކާ ބުނެފައިވަނީ ކާމިޔާބީއާއި މަޝްހޫރުކަން ހޯދުމަށްޓަކައި އޭނާގެ އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމަކަށް ދާން ނުޖެހޭނެ ކަމަށެވެ.

ޕްރިޔަންކާ ވަނީ ބޮލީވުޑްގައި އަހަރުތަކެއް ހޭދަކުރުމަށްފަހު އިންޑިއާ ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށް ހޮލީވުޑްގެ މަސައްކަތްތައް ކުރަން ފަށާފަ އެވެ.

އެހެން ކަމުން ދީޕިކާގެ ބުނުމަކީ ޕްރިޔަންކާއަށް ވަށް ބަހުން ޖަހައި ބުނި ބުނުމެއް ކަމަށާއި އެކަމުން އަދިވެސް އެ ދެތަރިންގެ މެދުގައި ވާދަވެރިކަން އޮތްކަން ހާމަވާ ކަމަށް ވެސް މީހުން ބުނެ އެވެ.

ޕްރިޔަންކާއާއި ދީޕިކާ ވަނީ މީގެ ކުރިން އެކުގައި މަސައްކަތްވެސް ކޮށްފަ އެވެ. އެގޮތުން 2015 ވަނަ އަހަރު ނުކުތް ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ"ގައި އެ ދެތަރިން އެއްކޮށް ފެނިގެން ގޮސްފައިވެ އެވެ.