މިފަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން އެ މެމްބަރަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކާ މެދު ޖުމްހޫރީ ޕާޓީ( ޖޭޕީ) އިން ގޮތެއް ނިންމަން އެ ޕާޓީގެ ކައުންސިލުން ވަނީ މަޝްވަރާ ކޮށްފައެވެ. ކައުންސިލުން ނިންމީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ.
އެއްވެސް ކެންޑީޑޭޓަކާ އެކު ކޯލިޝަން ނުހެދުމަށް ޖޭޕީ އިން ނިންމިޔަސް އެޕާޓީގެ މެމްބަރުންނަށް އެ މެމްބަރަކު ބޭނުން ކެންޑިޑޭޓަކަށް ތާއިދުކޮށް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް ވަނީ ވިދާޅުވެފަ އެވެ.
ގާސިމް ވިދާޅުވީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ ކޮންކެނޑިޑޭޓަކަށް ކަން ކަނޑައެޅުމާއި، ނުވަތަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑު ނިންމާފައިވާނީ ވެޔަތުވިތަނުގައި ކޯލިޝަން ހަދައިގެން ތިން ފަހަރުމަތީން ވެސް ލިބުނު ހިތި ނަތީއްޖާ އަށް ބެލުމަށްފަހު، މި އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ކަމަށް،" ގާސިމް ވިދާޅުވި އެވެ. އަދި ޕާޓީގެ ކައުންސިލްގެ ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްގަކަށް އުނިކަމެއް އަތުވެދާނެކަމަށް ފެންނާތީ، ޕާޓީގެނަން ބޭނުން ނުކޮށް އެ މެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމްއަށް ލިބިވަޑައިގަތީ ފަސް ހާހެއްހާ ވޯޓެވެ.
މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓްގެ %50 ނުހޯއްދެވުނެވެ. އެހެންވެ، މި މަހުގެ 30ގައި ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، ފުރަތަަ ބުރުގައި %46 ހޯއްދެވި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒާއި %39 ލިބިވަޑާއިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.