ކެނެޑާގެ ރައްޔިތެއް ކަމަށްވާ ސިކު އެކްޓިވިސްޓެއްގެ މަރާ އިންޑިއާ ސަރުކާރާ ގުޅުން ހުރިކަމުގެ އިތުބާރު ހުރި މައުލޫމާތުގެ މައްޗަށް ބުރަވެ، އެ މައްސަލަ ކެނެޑާގެ ތަހުގީގީ އިދާރާއިން ބަލަމުން އަންނަ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ އެ މައްސަލައާ ބެހޭ ވޮތުން ޖީ20 ސަމިޓުގެ ތެރެއިން ބައްދަލު ކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއަށް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.
ކެނެޑާގެ ހުޅަނގު ބިތުގައި އޮންނަ ބްރިޓިޝް ކޮލޮމްބިއާގެ ސިޓީއެއް ކަމަށްވާ ސުރޭގެ ސިކް ޓެމްޕަލެއްގެ ބޭރުގައި ހުއްޓާ ހަރުދީޕް ސިންގް ނިއްޖަރުގެ ގަޔަށް ބަޑިޖަހައި މަރާލީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ. ހަރުދީޕް ސިންގަކީ އިންޑިއާގެ ސިކުންގެ ހައްގުތަކާ މެދު ވަކާލާތު ކުރި ކެނެޑާގެ އެކްޓިވިސްޓެކެވެ.
ބޮޑުވަޒީރު ޓުރޫޑޯ ވިދާޅުވީ ބޭރު ގައުމެއްގެ ސަރުކާރަކުން ކެނެޑާގެ ރައްޔިތަކު ކެނެޑާގެ ބިމުގައި މަރާލުމަކީ އެ ގައުމުގެ މިނިވަންކަމަށް އަރައިގައިގަތުން ކަމަށެވެ. އެހެން ކަމުން އިންޑިއާ ސަރުކާރަށް އޭނާ ގޮވައިލެއްވީ މައްސަލައިގެ އެންމެ އަޑިއަށް ދިއުމަށް ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށެވެ.
މި މައްސަލައާ ބެހޭ ގޮތުން ބަހެއް ހޯދުމަށް ކެނެޑާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް އެދުނު އެދުމަށް އެފަރާތުން ޖަވާބެއް ނުދޭ ކަމުގައި އަލް ޖަޒީރާއިން ބުނެ އެވެ.
ކެނެޑާގެ ފޮރިން މިނިސްޓަރު މެލެނީ ޖޯލީ ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ކެނެޑާއިން ވަނީ އެ ގައުމުގައި ހުންނަ އިންޑިއަން އެމްބަސީގެ ޑިޕްލޮމެޓެއް އެ ގައުމުން ފޮނުވައިލައިފަ އެވެ.
ޖޯލީ ވެސް ވިދާޅުވީ މި މައްސަލައަކީ އެ ގައުމުގެ މިނިވަންކަމަށް އަރައިގަތުން ކަމުގައި ބެލެވޭ ކަމަށެވެ.
އިންޑިއަން ކައުންޓަ ޓެރަރިޒަމް ނެޝަނަލް އިންވެސްޓިގޭޝަނުން ވަނީ އިންޑިއާގެ ފަދިރީއެއް މަރާލަން ހަރުދީޕް ސިންގް ރޭވި ކަމަށް ތުހުމަތު ކޮށްފަ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގައި ޚާލިސްތާނުގެ ނަމުގައި ވަކި ގައުމެއް އުފައްދަން މަސައްކަތް ކުރާ ސިކް ޓެރަރިސްޓް ގްރޫޕަށް ކެނެޑާއިން ވާގިވެރިވަމުން އަންނަ ކަމަށެވެ. އަދި ހަރުދީޕް ސިންގުގެ މަރާ އިންޑިއާ އާ ގުޅުވަނީ އެ ތުހުމަތުތަކުން ސަލާމަތްވުމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ހަރުދީޕް ސިންގުގެ މަރާ އިންޑިއާ ސަރުކާރާ އޮތް ގުޅުން ރަނގަޅަށް ތަހުގީގުކޮށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް ކެނެޑާގެ ސިޔާސީ ޕާޓީތަކާއި ޕާލަމެންޓުގެ މެންބަރުން ވެސް އަންނަނީ ގޮވައިލައި އަޑު އުފުލަމުންނެވެ.