ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ފަހުން ނިޒާމީ ވޯޓަކަށް ދިއުމަށް ތާއީދުކުރާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފަ އެވެ. ޑިމޮކްރެޓްސް އިން ވަނީ ނިޒަމީ ވޯޓާއި ގުޅެގޮތުން ޕީޕީއެމްއާ އެމްޑީޕީއާ ވެސް ބައްދަލުކޮށްފަ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ ނިޒާމީ ވޯޓަކަށް ދިއުމަށް ޕީޕީއެމް އިން ދެކޮޅު ނުހަދާ ކަމަށެވެ. އަދި މީގެ 16 އަހަރު ކުރިން 2007 ނެގި އާންމު ފެންނަ ނުފެންނަ ވޯޓުން މިހާރު ވެރިކަމްނ މިކުރަނީ ރައްޔިތުން ބޭނުންވި ގޮތަށް ރައްޔިތުން ބޭނުންވި ވެރިކަމުގެ ނިޒާމަކުން ކަމަށް ތޮލާލް ވިދާޅުވި އެވެ.

އެހެންވީމާ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލް ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަކީ ޕީޕީއެމްއިން ވެސް ތާއީދު ކުރާ ކަމެއް ކަމަށް ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ޕީޕީއެމް/ ޕީއެންސީ އިން ވަކި ނިޒާމެއް ޕްރޮމޯޓް ނުކުރާ ކަމަށާ އެހެން ނަމަވެސް ރައްޔިތުންގެ ނިންމުން ބަލައިގަންނާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ވޯޓަކަށް ދިއުމުގެ ފުރުސަތު މިހާރު ނެތް ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

"ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތޭ އެއީ އަޅުގަނޑުމެންގެ ނިންމުމަކީ އިންތިހާބުގެ ކުރިޔަކުން ނެތް ފުރުސަތެއް އިންތިހާބުގެ ފަހުންވެސް ނިޒާމީ ވޯޓަކަށް ދާން ރައްޔިތުން ކައިރި އަހަން އަޅުގަނޑުމެންގެ މައްސަލައެއް ނެތޭ އަޅުގަނޑުމެން ތާއީދޭ އެކަމަށް،" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ޕީޕީއެމްގެ ރައީސް ޔާމީން ވެސް ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށާއި އެހެން ނަމަވެސް މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އެއީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމު ނޫން ކަމަށް އެމަނިކުފަނު ގަބޫލުކުރައްވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ވަނީ ފާސްކޮށްފަ އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި މި ގަރާރު ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތުމުން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފަ އެވެ. އެގޮތަށް ފޮނުވަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 34 މެންބަރުންގެ ވޯޓުންނެވެ.

މިގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނީ މާދަމާ ހެނދުނު ކަމަށެވެ.