ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައްޔިތުން މަޖިލީހަށް އެ ބާރު ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށާއި އެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސަށް ހުޅުވާލަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކޮންމެހެން ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވަން ނުޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ސީދާ ވޯޓަށް އެހުމުގެ އިހުތިޔާރު މަޖިލީހަށް ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ލިބިދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެން ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނޯންނަ ކަމަށެވެ.

ރައީސް ޞޯލިހު ކެމްޕެއިންގައި އިއްޔެ މާލޭގައި ދޮރުން ދޮރަށް ވަޑައިގަގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމަނިކުފާނު ވެސް ތާއިދު ކުރައްވާ ކަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގެ ފަހުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް އެމަނިކުފާނަށް ވެސް އެއްބަސްވެވޭ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން އެކަން ފާސްކޮށް އެމަނިކުފަނަށް ފޮނުވުމުން ވޯޓުގެ ކަންކަން ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދޅާުވި އެވެ.