ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 14 އަންނަ މަހު ހަތެއްގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ސޮނީ ޓީވީއިން "އިންޑިއަން އައިޑޮލް 14" ޕްރޮމޯ ދައްކަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އިންޑިއާގެ އެކި ސިޓީތަކުގައި މިޝޯގެ އޮޑިޝަންތައް ކުރިއަށްދާއިރު ފުރަތަމަ ތިން ހަފްތާ ދައްކާނީ އޮޑިޝަންގެ މަންޒަރުތަކެވެ.

ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ "އިންޑިއަން އައިޑޮލް" ގެ މި ފަހަރުގެ ޖަޖުންގެ ތެރޭގައި މުޅިން އަލަށް މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ބައިވެރިވެ އެވެ. މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ކުމާރު ސާނޫ އަކީ 90 ގެ ތެރޭގައި ހިންދީ ސިނަމާގައި އެންމެ ވިދި އެއް އަޑުގެ ވެރިޔާ އެވެ.

ދެން ޖަޖުންގެ ޕެނަލްގައި ހިމެނެނީ ކުރިން ވެސް "އިންޑިއަން އައިޑޮލް" ގެ ބައެއް ސީޒަންތަކުގައި ޖަޖެއްގެ ގޮތުގައި ފެނިފައިވާ ހުނަރުވެރި އަދި އެހާމެ ކާމިޔާބު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް އާއި މި ފަހުން މި ޝޯގެ އެންމެ އާންމު އެއް ޖަޖް ކަމަށްވާ ވިޝާލް ދަދުލާނީ އެވެ.

މި އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ނިންމާލި "އިންޑިއަން އައިޑޮލް 13" ކާމިޔާބުކޮށްފައި ވަނީ ރިޝީ ސިންގް އެވެ.

އިންޑިއާ އަށް އިންޑިއަން އައިޑޮލް ތައާރަފުވީ 2004 ގަ އެވެ.