ލޮސްއެންޖަލްސް (23 ޖެނުއަރީ) - މަޝްހޫރު ޓޯކް ޝޯ ހޯސްޓް އަދި ގިނަ ބައެއްގެ މަގުބޫލްކަން ހޯދި ލެރީ ކިންގް އިއްޔެ ވަކިވެދިޔުމަކީ ބްރޯޑްކާސްޓިން ދާއިރާގެ ގިނަ ބަޔަކަށް ފުން ހިތާމައެއް ގެނުވި ކަމެކެވެ.

ލެރީ ކިންގް މަޝްހޫރު ވެފައިވަނީ 1970 ވަނަ އަހަރުން ފެށިގެން އޭނާ ހުށަހަޅައިދިން ދަ ލެރީ ކިންގް ޝޯ އާއެކު އެވެ. އަދި ކިންގް ވަނީ ސީއެންއެން އަށް ވެސް "ލެރީ ކިންގް ލައިވް"ގެ ނަމުގައި 25 އަހަރުގެ ދިގު މުއްދަތަކަށް އެ ޓޯކް ޝޯ ހުށަހަޅައިދީފަ އެވެ.

ސީއެންއެންގެ މި ޓޯކް ޝޯގައި ކިންގް ވަނީ ދުނިޔޭގެ ތަފާތު އެކި ވެރިންނާއި ސިޔާސީ ދާއިރާގެ މީހުންނާއި ފަންނާނުންގެ އިތުރުން ތަފާތު އެކި ދާއިރާތަކުގެ މީހުން ފެނިގެން ގޮސްފައިވެ އެވެ. ކިންގްގެ ދިގު ހަޔާތުގައި 50،000 އަށް ވުރެ ގިނަ ޓޯކް ޝޯ ހުށަހަޅައިދީފައި ވާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.

ކިންގްގެ ޓޯކް ޝޯތަކުގައި ބައިވެރިވި މަޝްހޫރު މީހުންގެ ތެރޭގައި އެމެރިކާގެ ރައީސްކަން ކުރެއްވި ޖެރާލްޑް ފޯޑުން ފެށިގެން ބަރަކް އޮބާމާ އާއި ހަމަޔަށް ހުރިހާ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުން ހިމެނެ އެވެ. މީގެ އިތުރުން ޑރ. މާޓިން ލޫތާ ކިންގް، ދަލައި ލާމާ، ނެލްޝަން މަންޑޭލާ އަދި ލޭޑީ ގާގާ ހިމެނެ އެވެ.

މިދިޔަ އަހަރުގެ ކުރީ ކޮޅުގައި ކިންގް ވަނީ ކޮވިޑް ޖެހިގެން ލޮސްއެންޖަލްސް ހޮސްޕިޓަލެއްގައި ފަރުވާ ހޯދައިފަ އެވެ.

އުމުރުން 87 އަހަރުގެ ކިންގްއަކީ ސިއްހީ ހާލަތު އެހާ ރަނގަޅު މީހެއް ނޫނެ އެވެ. ހިތުގެ ބައިޕާސް ސާޖަރީއެއް ހަދައި، ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވައި އަދި ފުއްޕާމޭގެ ކެންސަރަށް ވެސް ފަރުވާ ހޯއްދަވާފައިވެ އެވެ. އަދި މީގެ އިތުރުން ހަކުރު ބައްޔަށް ވެސް އޭނާ ފަރުވާ ހޯދި އެވެ.

ލެރީ ކިންގް ވަނީ ޖުމްލަ 8 ކައިވެންޏެއް ކޮށްފަ އެވެ. މިކައިވެނި ތަކުން ފަސް ދަރިން ލިބިފައިވެ އެވެ. އޭގެ ތެރެއިން ދެ ދަރިން މިދިޔަ އަހަރު ލަންގް ކެންސަރު ޖެހިގެންނާއި ހާޓްއެޓޭކެއް ޖެހިގެން ވަނީ މަރުވެފަ އެވެ.

ކިންގް ފާހަގަ ކުރެވިފައިވަނީ ޝޯއަށް އަންނަ އިރު މާބޮޑު ރިސާޗް ހަދައިގެން ހުށަހަޅާ މީހެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި ކިންގް އިހްތިޔާރު ކުރަނީ ވަރަށް ސިމްޕަލް އަދި ހުޅުވާލެވިފައިވާ ސުވާލު ތަކަކަށެވެ. މިކަމުގެ ސަބަބުން ކިންގް ހުށަހަޅާ ޝޯގެ ރޭޓިން ވަނީ 2010 ވަނަ އަހަރު ދަށްވެފަ އެވެ.

ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި ކިންގް ބޭނުންކުރައްވަމުން އައި ގޮތްތަކަކީ މިހާރުގެ ޒަމާނަށް ނުފެތޭ މުސްކުޅި ވައްތަރެއް ކަމަށެވެ. އޭގެ ފަހުން ކިންގް ވަނީ ރިޓަޔާކުރާނެކަން އިއުލާންކޮށްފަ އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި ކިންގްއަށް ވަނީ ގިނަ އެވޯޑްތަކެއް ލިބިފަ އެވެ. މީގެ ތެރޭގައި ދެ ޕީބޮޑީ އެވޯޑްގެ އިތުރުން އެމީ އެވޯޑް ވެސް ލިބިފައިވެ އެވެ.