ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އަންނަ އޮކްޓޫބަރު މަހުގެ 30 ގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުަމށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސް ލަބީބުގެ ގަރަރުގައި ފުރަތަމަ ހުށަހެޅީ ނޮވެމްބަރު 30 ގެ ކުރިން ފެންނަނ ނުފެންނަ ވޯޓެއް ނެގުމަށެވެ.

އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން އޭނާ ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އިސްލާހުގައި ވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް ސީދާ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.

އެ އިސްލާހާ އެކު، އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 31 މެމްބަރުންގެ އިއްތިފާގުން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކު އެވެ.

ނިޒާމީ ވޯޓެއް ނެގުމަކީ މިހާރުން މިހާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް މަދުވެގެން 30 ދުވަސް ބޭނުންވާނެ ކަމަށް އީސީން ވެސް ވަނީ ބުނެފަ އެވެ.

ނިޒާމީ ވޯޓާ ގުޅެގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވެސް ވަނީ ތާއިދު ކުރައްވައިފަ އެވެ. އެހެން ނަމަވެސް ރައީސް ވިދާޅުވީ ނިޒާމީ ވޯޓު ނަގަން އެއްބަސް ވެވޭނީ ރިޔާސީ އިންތިހާބުގެ ފަހުން ކަމަށެވެ.

ނިޒާމީ ވޯޓު ނެގުމަށް އިދިކޮޅު ޕީޕީއެމް އިންވެސް ތާއިދު ކުރަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ފަހުންނެވެ.