ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ބޮލީވުޑްގެ ތަރި ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް މިވަނީ ކައިވެނިކުރަން ތައްޔާރުވެފަ އެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ މި ކައިވެނީގެ ހަފްލާ އޮންނާނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އަލިބާގްގަ އެވެ.

ދެ އާއިލާގެ މީހުންނާއި ދައުވަތު ދެވުނު ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ދަނީ އަލިބާގްއަށް ދަތުރުކުރަމުންނެވެ. ވަރުން ވެސް ވަނީ އެ ދުވަހު ކައިވެނިކުރަން ހަމަޖެހިފައިވާ މަންޒިލަށް ގޮސްފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން އެތަނަށް ދިޔަ މަގުމަތީގައި ވަރުންގެ ކާރު ވަނީ ކުޑަ އެކްސިޑެންޓެއް ވެފަ އެވެ. މި އެކްސިޑެންޓްގައި އެކަކަށް ވެސް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށްވެ އެވެ. އަދި ކާރަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ވަރުންގެ ކައިވެނީގެ ހަފްލާތައް މިހާރު ފެށާފައިވާއިރު އަލިބާގްގެ އެ ރިސޯޓްގެ ސަލާމަތީ ކަންތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން އެ ރިސޯޓްގެ ސީސީޓީވީތައް ނިއްވާލާފައިވާ އިރު، މި ހަފްލާގައި ފޯނު ބޭނުންކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ވަރުންގެ އެންމެ ފުރަތަމަ ފިލްމު ކަމަށްވާ ސްޓޫޑެންޓް އޮފް ދަ އިޔާ ސިނަމާތަކަށް އައިއިރުވެސް ވަރުންއާއި ނަތާޝާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.