އައްޑޫ ސިޓީ މީދޫ ހުންނަ ކޯގަންނު ގަބުރުސްތާނަށް ވަރަށް ބޮޑަށް ގެއްލުން ދީފި އެވެ.

ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދިން ފޮޓޯތަކާ އެކީގައި މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދީފައި ވަނީ މިއަދުގެ ހުކުރު ނަމާދަށް ގޮސް ތިބި ގަޑިއެއްގައި ކަމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ކޯގަންނު މަހާނަތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

ހެރިޓޭޒް މިނިސްޓަރު ޔުމްނާ މައުމޫން މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި އެކްސްގައި ވިދާޅުވީ މިފަދަ ދުވަސްވީ އާސާރުތައް ގަސްދުގައި ހަލާކުކޮށް ހެދުމަކީ ވަރަށް ދެރަ ކަންކަން ކަމަށެވެ. މިއީ ރަށަށާއި އަތޮޅަށާއި ގައުމަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވި ގޮތުގައި ދުވަސްވީ އާސާރުތަކަށް ގެއްލުން ދިނުމަކީ މިހާރު ކުށެކެވެ. މި މައްސަލަ ހެރިޓޭޖް މިނިސްޓްރީން ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިކަމުގައި އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީދޫ ކޯގަންނު ގަބުރުސްތާނަށް މިއަދު މެންދުރު ގެއްލުން ދީފައި.

ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދިނުމާ ގުޅިގެން ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ކޮންމެ ކަމެއްގެ ފިކުރު ތަފާތު ވިޔަސް، މިހާ ޒަމާންވެފައި ހުރި ތަނަކަށް މިފަދަ ގެއްލުން ދީގެން ނުވާނެ. މި ދަށު ދަރަޖައިގެ އަމަލު ކުރި ނޫނީ ކުރުވި މީހުން މަރުވެ ގޮސްފައި ތިބި ބަޔަކަށް ނުކުރި އިހްތިރާމެއް ދިރިތިބި ބައެއްގެ މައްޗަށް ވެސް ނުކުރާނެ،" އަހުމަދު ނާޒިމް ނަމުގައި އެކްސްގައި ހިޔާލު ފާޅު ކުރި މީހަކު ބުނެފައިވެ އެވެ.